މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޔޫއެސް ޑޮލަރު ވިއްކި އަދަދު އިތުރުވުމާއިގުޅިގެން ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ގޮތަށް ހުރި ދައުލަތުގެ ރިޒާވް ދަށްވެއްޖެއެވެ.

އެމްއެމްއޭއިން އާންމުކުރި މާލީ ބަޔާނުގައިވާގޮތުން ފާއިތުވި ސެޕްޓެންބަރު މަހުގެނިޔަލަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 191.9 މިލިއަން ޔޫއެސް ޑޮލަރެވެ. މަހުން މަހަށް އަޅައިބަލާއިރު އެ އަދަދަކީ އަށް ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު އެ އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަމަށް އެމްއެމްއޭގެ މާލީ ބަޔާނުގައި ވެއެވެ.

އެމްއެމްއޭގެ މާލީ ބަޔާނުގައި ވާގޮތުން ރާއްޖޭގެ ރަސްމީ ރިޒާވްވެސް ވަނީ މަހުން މަހަށް އަޅައިބަލާއިރު ހަތް ޕަސެންޓް ދަށްވެފައެވެ. އަދި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 519.4 މިލިއަން ޔޫއެސް ޑޮލަރުކަމަށް މާލީބަޔާނުގައި ވެއެވެެ. އެއީ އަހަރުން އަހަރަށް އަޅައިބަލާއިރު ހަތަރު ޕަސެންޓް ދަށް އަދަދެކެވެ.

ރާއްޖޭގެ ރަސްމީ ރިޒާވް ނުވަތަ "ގްރޮސް އިންޓަނޭޝަނަލް ރިޒާވްސް" އަކީ އެމްއެމްއޭގައި ޔޫއެސް ޑޮލަރުން ހުންނަ ރިޒާވް އެވެ. އަދި ޔޫޒަބަލް ރިޒާވް އަކީ ގްރޮސް އިންޓަރނޭޝަނަލް ރިޒާވްސް (ރާއްޖޭގެ ރަސްމީ ރިޒާވް) އިން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީ އުނި ކުރުމުން ބާކީވާ އަދަދެވެ. ޔޫޒަބަލް ރިޒާވްސް އިން ދައްކައިދެނީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭއިން ބޭނުން ކުރުމަށް ހުންނަ ފައިސާގެ އަދަދެވެ.