05 Nov 2017, 12:06
ވަގަށް އެތެރެކޮށްފައިވާ 80،000 ފޯނު ޕާކިސްތާނުގެ ކަރާޗީގެ ބަންގަލޯއަކުން، އަތުލައިގެންފިއެވެ.
އެގައުމުގެ ކަސްޓަމްސްއިން އަތުލައިގަތް މި ފޯނުތަކުގެ އަގު 1.2 ބިލިއަން ރުޕީސްއަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. އެ ހާދިސާގައި މިހާތަނަށް ވަނީ ތިން މީހުން ހައްޔަކޮށްފައެވެ.
ޕާކިސްތާނުގެ ކަރާޗީގެ ކަސްޓަމްސް އިންޓެލިޖެންސްގެ ޑައިރެކްޓަރު، ސަމީނާ ޒަހްރާ ވިދާޅުވީ އެގައުމުގެ ބޮޑެތި މަޝްހޫރު ކުންފުނިތަކުން އެއާޕޯޓްގެ "ގްރީން ޗެނަލް"ގެ ތެރެއިން ޑިކްލެއާ ނުކޮށް މުދާ އެތެރެކުރާކަމަށެވެ.
މިދިޔަ ހުކުރު ދުވަހުވެސް ޕާކިސްތާނުގެ ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނެއްގައި ވަނީ 63،000 މޮބައިލް ފޯނާއި އަދި 500 ޓެބްލެޓް އަތުލައިގެންފައެވެ. އޭގެ އަގު 285 މިލިއަން ރުޕީސްއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންނެވެ.
ޕާކިސްތާންގެ ކަސްޓަމްސް ކަލެކްޓާ ޕްރިވެންޓިވް އިފްތިކާރު އަހުމަދު ވިދާޅުވީ، އެ އޮޕަރޭޝަން ހިންގީ އެގައުމުގެ ބޮޑެތި މަޝްހޫރު ކުންފުނިތަކުން އެއާޕޯޓްގެ "ގްރީން ޗެނަލް" ގެ ތެރެއިން މުދާ އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެގޮތަށް މުދާ އެތެރެކުރަނީ އެއީ އެލްއީޑީ ލައިޓްތަކެއް ކަމަށް ބުނެ އޮޅުވައިލައިގެން ކަމަށްވެސް އިފްތިކާރު ވިދާޅުވިއެވެ. އެލްއީޑީ ލައިޓްތަކުން ޕާކިސްތާނުގައި ޑިއުޓީއެއް ނުނަގައެވެ.
ޕާކިސްތާނުގެ ކަސްޓަމްސް އިން އިއްޔެ ވަނީ ގައުމުން ބޭރަށް ވަގަށް ފޮނުވަން އުޅުނު ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފައެވެ. ފައިވާނާއި ލަންޗްބޮކްސް ފޮށިގަނޑުތަކުގައި ފޮރުވާފައި ހުރި ފައިސާގެ ތެރޭގައި 100418 ޑޮލަރާއި، 70000 ސައުދީ ރިޔާލުގެ އިތުރުން 357845 ދިރުހަމް ހިމެނެއެވެ.
މަސްދަރު: ޕާކިސްތާން ޓުޑޭ