އެއްގަމުގައި ދުއްވުމަށް ބޭނުންކުރާ ސަވާރީއެއްގެ ގޮތުގައި، ބައިސްކަލް ބޭނުންކުރުމުގެ އާދަ އަށަގެންފައިވާ 13 ފަރާތެއްގެ އަގުވަޒަންކޮށް ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް)ގެ ފަރާތުން، އެ ފަރާތްތަކަށް ހަނދާނީ ފިލައާއި ހާއްސަ އިނާމް ދީފިއެވެ.

ދުޅަހެޔޮ ސިއްޙަތަކަށް ބައިސްކަލް ދުއްވުން އަށަގެންނެވުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި، ބައިކް މޯލްޑިވްސްއިން ވަނީ، އެ ޖަމިއްޔާގެ ވޭތުވެދިޔަ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް ޚާއްސަ "ފެމިލީ ޑިނަރނައިޓް"އެއް ބާއްވައިފައެވެ. ސްޓެލްކޯގެ ޓެރަހުގައި ރޭ ބޭއްވި އެ ހަފްލާގައި ބައިކް އާއިލާގެ ގިނަ މެންބަރުންތަކެއް ބައިވެރިވީ އިރު ހަފްލާ ޝަރަފްވެރިކޮށްދެއްވީ، ޑރ. މުޙައްމަދު ޢަލީއެވެ.

ލ. ގަމުގައި ބައިކް މޯލްޑިވްސް އިން ބޭއްވި ބައިކް ޓުއާގެ ވަނަވަނައަށް ދިޔަ ފަރާތްތައް -- ފޮޓޯ: ބައިކް މޯލްޑިވްސް

ބައިކް މޯލްޑިވްސްގެ ޚާއްސަ އިނާމް ލިބުނު 13 ބޭފުޅުން:

  • ޑރ. މުހައްމަދު އަލީ، މ. ޕެނަމާގެ
  • އަބްދުލް ޣަނީ ޔޫސުފް، ގ. ޖަމްނާގެ
  • މުހައްމަދު އަލީ، ގ. ދަލާސްޓް
  • މުހައްމަދު ޔޫސުފް، މ. މާދަރާގެ
  • އަލީ ވަހީދު، ހ. ވިލާރަތްލާގެ
  • ޑރ. މުހައްމަދު އަހްމަދު، މއ. މިލާފަރު
  • އައިޝަތު ޝާހީން، މ. ބަހާރީ ވިލާ
  • ނުޒުހަތު ޝަމީމް، ހ. ހިޔާކަން
  • އަހްމަދު އަލިމަނިކު، މއ. ގޯލްޑަންބީމް
  • ރަޝާދު މުހައްމަދު، މއ. އަނާރުކަލީ
  • މުހައްމަދު ހަލީމް، ގ. ނޫރާނީވިލާ
  • އާދަމް އިބްރާހީމްފުޅު، މ. ބަހާރީ ވިލާ
  • މުހައްމަދު ނާޒިމް، މއ. ފްލައިންގ ވީލް

ލައިމް ސްޓޯމް ގްރޫޕްގެ ލައިވް މިއުޒިކާއެކު ކުރިއަށް ގެންދިޔަ މި ހަފްލާގައި ވަނީ، ބައިކް މޯލްޑިވްސް އިން ލ. އަތޮޅުގައި ބޭއްވި ބައިކް ޓުއަރގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވެސް އެވޯޑް ދީފައެވެ. އަދި މީގެ އިތުރުން، ރޭގެ ހަފްލާގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބޭއްވި "ލަކީޑްރޯ" ކާމިޔާބު ކުރި ފަރާތަށް، ބައިސްކަލެއް ހަދިޔާކޮށްފައި ވެއެވެ. އަދި ދިވެހީންނާ ބައިސްކަލާ ހުރި ގުޅުން ދައްކުވައިދޭ ޚާއްސަ ފޮޓޯ މައުރަޒެއް ހުޅުވުންވެސް ރޭގެ ހަފްލާގައި ކުރިއަށް ގެންދިޔައެވެ.

ބައިކް މޯލްޑިވްސް ފެމެލީ ޑިނަރނައިޓްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބޭއްވި "ލަކީޑްރޯ" ކާމިޔާބު ކުރި ފަރާތަށް، އިނާމް ހާވާލުކޮށްދެއްވަނީ -- ފޮޓޯ: ބައިކް މޯލްޑިވްސް

މީގެ އިތުރުން ހައުސިންގ މިނިސްޓްރީން ބައިކް މޯލްޑިވްސް އަށް ވެދެމުން ގެންދާ އެހީތެރިކަން ފާހަގަކޮށް، އެ މިނިސްޓްރީއަށް ވެސް ވަނީ ޚާއްސަ ހަނދާނީ ފިލައެއް ދީފައެވެ. ބައިކް މޯލްޑިވްސްގެ ރައީސް ޒުލޭޚާ ޙަސަން ދީދީ ހަވާލުކޮށްދެއްވި މި ހަނދާނީ ފިލައާ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ، ސްޓޭޓް މިނިސްޓަރު ޙުސައިން ވަހީދެވެ.

ބައިކް މޯލްޑިވްސްގެ ފުރަތަމަ ޑިނަރނައިޓް ބޭއްވީ މިދިޔަ އަހަރުއެވެ. އެފަހަރުވެސް ވަނީ، ރާއްޖޭގައި ބައިސްކަލް ދުއްވުމުގައާއި، ބައިސްކަލްގެ އެކިއެކި ކަންކަމުގައި ބައިކް މޯލްޑިވްސްއަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ހަނދާނީ ފިލާ ދީފައެވެ.

ހައުސިންގ މިނިސްޓްރީން ބައިކް މޯލްޑިވްސް އަށް ވެދޭ އެހީތެރިކަން ފާހަގަކޮށް، އެ މިނިސްޓްރީއަށް ވެސް ވަނީ ހަނދާނީ ފިލައެއް ހަދިޔާކޮށްފައި -- ފޮޓޯ: ބައިކް މޯލްޑިވްސް

ބައިކް މޯލްޑިވްސްގެ އެއް ފައުންޑަރ އަދި ސީއީއޯ އަހްމަދު ހަސަންދީދީ ވިދާޅުވީ، އެ ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް އޮތްތާނގައިވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި، އަދި ތިމާވެށި ހިމާޔަތްކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އާންމުންގެ މެދުގައި ހޭލުންތެރިކަން އުފައްދައި، އެކަމަށް ބާރުއެޅުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބައިކް މޯލްޑިވްސްއިން ނިންމާފައިވާ ކަމަށެވެ.