ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށް އުފައްދާ ފިލްމް 'ޕަދްމާވަތީ'އަށް ދެމުންދާ އިންޒާރުތަކާ ގުޅިގެން ރިލީޒްކުރުމުގެ ކުރިން އެ ފިލްމް އިންޝުއާކޮށްފިއެވެ.

ފިލްމްގެ ޓީމުގައި ހިމެނޭ މީހަކު 'އިންޑިއާ ޓައިމްސް' އަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމަށް، ފެށުނީއްސުރެ އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވަމުން ދާކަމަށާއި ފިލްމް ސެޓަށް ވެސް އެކި ފަހަރު މަތިން ގެއްލުން ދީފައިވާކަމަށެވެ.

އޭނާ ބުނީ ރާޖްޕޫތު ކަރްނީ ސޭނާ ކިޔާ ޖަމާއަތެއްގެ އެކްޓިވިސްޓުން މިހާރުވެސް ދަނީ 'ޕަދްމާވަތީ' އަޅުވާ ސިނަމާތަކަށް ވެސް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދެމުންނެވެ.

'ޕަދްމާވަތީ' އަކީ ހަގީގީ ހާދިސާ އެއްގެ މައްޗަށް އެކުލެވިގެންވާ ފިލްމެއް. ފިލްމުގައި ދީޕިކާ ޕަދުކޯން ކުޅޭ ޕަދްމާވަތީގެ ކެރެކްޓާއަކީ ވެސް އެ ޒަމާނުގައި އުޅުނު ރާނީއެއް. މިހާރު ފިލްމާ ދެކޮޅަށް އިންޒާރުތައް ދެމުން އެ އަންނަނީ ރާނީގެ އާއިލާގެ މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން،" އޭނާ ބުންޏެވެ.

'ޕަދްމާވަތީ' އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާއިރު އެ ފިލްމަކީ ތާރީޚީ ލޯބީގެ ފިލްމެކެވެ. އެ ފިލްމުގައި ދީޕިކާ ޕަދްކޯން، ރަންވީރް ސިންހް އަދި ޝާހިދު ކަޕޫރު ފެނިގެންދާނެ އެވެ.