ރިޔާދު (ނޮވެމްބަރު 5): ސައުދީ އަރަބިއާގެ އިގުތިސާދާ ބެހޭ މިނިސްޓަރު އާދިލް ފަކީހް އާއި ނެޝަނަލް ގާޑުގެ ވެރިޔާ ޕްރިންސް މުތައިބް ބިން އަބްދުﷲ މަގާމުން ދުރުކޮށްފި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ އެސްޕީއޭއިން ބުނެފި އެވެ.

އެ ދެ ބޭފުޅުން މަގާމުން ދުރުކުރުމުގެ އިތުރުން ސައުދީ އަރަބިއާގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު އަބްދުﷲ އަލް ސުލްތާން މަގާމުން ދުރުކުރުމަށް ފަހު ފަހަދް އަލް ގަފްލީ ވަނީ އެމަގާމަށް އައްޔަންކޮށްފައެވެ. ސައުދީ ސަރުކާރުން އެ ބަދަލުތައް ގެނައި ސަބަބު އެސްޕީއޭއިން ހާމަކޮށްފައި ނުވެ އެވެ.

ނަމަވެސް އެގައުމުގެ ނެޝަނަލް ގާޑުގެ ވެރިޔާ މަގާމުން ދުރުކުރީ ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫތީ ހަނގުރާމަވެރިން ރިޔާދަށް ފޮނުވާލި މިސައިލެއް ސައުދީ ވައިގެ ސިފައިން ނާކާމިޔާބުކޮށްލި ފަހުންނެވެ.

އަދި މީގެ ކުރިން އެސްޕީއޭއިން ވަނީ ޝާހީ އަމުރަށް އެގައުމުގައި އާ އެންޓި ކޮރަޕްޝަން ކޮމިޝަނެއް އުފައްދާފައިވާ ކަން ރިޕޯޓުކޮށްފައެވެ. އަދި އެކޮމިޓީން ކުރިއަށްގެންދާ އެންޓި ކޮރަޕްޝަން ތަހުގީގެއްގެ ދަށުން 11 އަމީރަކު ހައްޔަރުކޮށްފައިވާ ކަމަށް ސައުދީ އަރަބިއާގެ ނޫހެއް ކަމަށްވާ އަލް އަރަބިޔާއިން ބުންޏެވެ. އޭގެ ތެރޭގައި މިހާރުގެ ހަތަރު މިނިސްޓަރުންނާއި މީގެ ކުރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.

އަލް އަރަބިޔާގައިވާ ގޮތުން ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހުންނަވާ އެކޮމިޓީން ދަނީ 2009 ވަނަ އަހަރު ޖިއްދާގައި ފެންބޮޑުވި ހާދިސާއާ ގުޅުން ހުރި މައްސަލައަކާއި، އެގައުމުގައި މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) ވައިރަސް ހަލުވިކޮށް ފެތުރުމާ ގުޅިގެން ސައުދީ ސަރުކާރުން އަމަލު ކުރި ގޮތާ ބެހޭ މައްސަލައެއް ބަލަމުންނެވެ.

މިދިޔަ ޖޫން މަހު ސައުދީ ވަލީއަހުދުކަމުން މުހައްމަދު ބިން ނާއިފް ދުރުކުރުމަށްފަހު މުހައްމަދު ބިން ސަލްމާން އެ މަގާމަށް އައްޔަން ކުރި ފަހުން އޭނާ ގެންދަވަނީ ސައުދީ އަރަބިއާއަށް ބޮޑެތި ބަދަލުތައް ގެންނަވަމުންނެވެ. (އަލްޖަޒީރާ)