05 Nov 2017, 10:06
ލިއޮނަލް މެސީ ބާސެލޯނާ އަށް ކުޅެދިން 600 ވަނަ މެޗުން އެޓީމު ރޭ ހަނިގޮތަކަށް މޮޅު ވެއްޖެއެވެ.
ރޭ ބާސާ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ ސެވިއްޔާ އާ ވާދަކޮށް 1-2 އިން ކުރި ހޯދައިގެންނެވެ. ރޭގެ މޮޅާއެކު ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސާ އަށް 31 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި 27 ޕޮއިންޓާއެކު އޮތީ ވެލެންސިއާ އެވެ. އަދި ތިންވަނައިގައި 23 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ބާސާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ކުރީ ކޮޅު އެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ދެެ ފުރުސަތެއް ލިބި ވަނީ ބޭކާރު ވެފައެވެ. މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 23 ވަނަ މިނެޓްގައި ޕަކޯ އަލްކަސާ ވަނީ ލަނޑެއް ޖަހައި ބާސާއަށް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފްގައި ސެވިއްޔާ އިން ވަނީ ކުޅުން ރަނގަޅު ކޮށް ބާސާއަށް ނުރައްކާ ކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 59 ވަނަ މިނެޓްގައި ޕިޒާރޯ ވަނީ ލަނޑެއް ޖަހައި ސެވިއްޔާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ސެވިއްޔާ އިން އެއްވަރު ކުރި ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ބާސާއިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 65 ވަނަ މިނެޓްގައި އިވާން ރަކިޓިޗް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން އަލްކަސާ އެވެ.
ރޭގެ މެޗަކީ މެސީ ބާސާއަށް ކުޅެދިން 600 ވަނަ މެޗެވެ. އޭނާ ވަނީ ބާސާ އަށް މިހާތަނަށް ކުޅެދިން 600 މެޗުގައި 523 ގޯލު ކާމިޔާބު ކޮށްދީފައެވެ.