މަޝްހޫރު ބިލިއަނަރު އަދި ސައުދީ ޝަހީ އާއިލާގެ އިސްބޭފުޅެއް ކަމަށްވާ ވަލީދު ބިން ތަލާލް، ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ތަލާލްގެ އިތުރުން ސައުދީން ޝާހީ އާއިލާގެ އެތަކެއް ޕްރިންސުންތަކެއް ވެސް ހައްޔަރުކޮށްފައިވާ ކަމަށް ސައުދީގެ އަލް-އަރަބިއްޔާ ނޫހާއި އަދި ވޯލްސްޓްރީޓް ޖާނަލް އިން ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

ޝަހީ އާއިލާގެ އެންމެ ބާރުގަދަ ފަރާތްތަކުގެ ތެރޭގައި ވަލީދު ހިމެނިވަޑައިގެންނަވާއިރު އޭނާ އަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގައި ހިއްސާ އޮންނަ ބޭފުޅަކެވެ. އޭގެ ތެރޭގައި އެޕަލް، ސިޓީ ގްރޫޕް، ޓްވެންޓީ ފަސްޓް ސެންޗަރީ އަދި ޓްވިޓާ ހިމެނެ އެވެ. އަދި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް 90ގެ އަހަރުތެރޭގައި އޭނާގެ ރިއަލް އެސްޓޭޓް ވިޔަފާރި އަޑިއަޅައިލައިފައިވާތީވެ ޓްރަމްޕަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވީ ވެސް ވަލީދު އެވެ.

ސައުދީ ވަލީއަހުދުކަމުން ނާއިފް ދުރުކުރުމަށް ފަހު މުހައްމަދު ބިން ސަލްމާން މުހައްމަދު އަލް ސައުދު އެ މަގާމަށް ވަޑައިގަތުމަށް ފަހު އޭނާ ދަނީ ބާރުތަކަށް ވަރަށް ބޮޑަށް އަތްގަދަކުރުމުންނެވެ. ވަލީދު ހައްޔަރުކުރެއްވުމަކީ ބިން ސަލްމާން މިހާތަނަށް އެޅުއްވި އެންމެ ވަރުގަދަ ފިޔަވަޅެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ވަލީދު ހައްޔަރުކުރިއިރު ބިން ސަލްމާންގެ ޒައާމަތުގައި ދަނީ ސައުދީ ސިއްސުވާލާ ފަދަ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. "ކޮންޒަވޭޓިވް" މުޖުތަމައުއެއްގެ ގޮތުގައި ސައުދީ ފާހަގަ ވެފައިވާއިރު ސައުދީގައި އަންހެނުންނާއި ފިރިހެނުންނާ އެއްކޮށް ދާދިފަހުން ޝޯއެއް އެއްގައި ތިބި މަންޒަރު ވެސް ގިނަ ބަޔަކަށް ސިހުން ލިބުނެވެ.

ބޮޑު މިއުޒިކް ފެސްޓިވަލެއް ސައުދީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭން ވެސް ސައުދީން ވަނީ ނިންމައިފަ އެވެ.