ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދަށް ފޮނުވާލި މިސައިލެއް، ސައުދީ ވައިގެ ސިފައިން ވައްޓާލައިފިކަމަށް ސައުދީން ބުނެފި އެވެ.

ސައުދީން ބުނީ އެ މިސައިލް ވައްޓާލުމުގެ ސަބަބުން އެއްވެސް އާންމު މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށާއި ރިޔާދުގެ މަތިން ބެލިސްޓިކް މިސައިލެއް ދަތުރުކުރާ މަންޒަރު ފެންނަ ވީޑިއޯ ކްލިޕެއް އާންމުވެފައިވާކަމަށެވެ.

ސައުދީގެ ޓީވީ ޗެނަލަކުން ބުނީ އެ މިސައިލް ވައްޓާލައިފައިވަނީ ކިންގް ހާލިދް އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދަށް ކަމަށެވެ.

ސައުދީ އިން ދަނީ ހޫތީން ބަލި ކުރުމަށްޓަކައި 2015 ވަނަ އަހަރުން ފެށިގެން ހޫތީންނާ ދެކޮޅަށް ހަމަލާތައްދެމުންނެވެ.

ސައުދީ ކޯލިޝަނުން ހޫތިންނާ ހަނގުރާމަކުރަމުން އަންނަ އިރު އީރާނުން އަންނަނީ ހޫތިންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.