05 Nov 2017, 08:42
ޑައިރެކްޓަރު ޖޭޕީ ދައްތާގެ ކުރިއަށް އޮތް ފިލްމު 'ޕަލްޓަން'ގެ ޝޫޓިން ފެށި ފަހުން އެކްޓަރު ސުނިލް ޝެޓީ ފިލްމު ދޫކޮށްލައިފި އެވެ.
ސުނިލް ޝެޓީ ފިލްމު ދޫކޮށްލި އިރު، ފިލްމުގެ މުހިންމު ރޯލަކަށް ކުރިން ހަމަޖެއްސި އަބީޝެކް ބައްޗަން ވެސް ވަނީ ފިލްމު ދޫކޮށްލައިފައެވެ. ކުޅެން ލިބުނު ރޯލު ކުޑަ ކަމަށް ބުނެ އަބީޝެކް ފިލްމު ދޫކޮށްލީ ފިލްމުގެ ޝޫޓިން ފެށެން 24 ގަޑިއިރަށް ވެފައި ވަނިކޮށެވެ.
އިންޑިއާ އާއި ޗައިނާގެ މެދުގައި 1962 ގައި ކުރި ހަނގުރާމައިގެ މައްޗަށް އުފައްދާ އެ ފިލްމު ދޫކޮށްލި ސަބަބެއް ސުނިލް ޝެޓީ ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، ފިލްމުގެ ސެޓުގައި ބޮޑެތި މައްސަލަ ތަކެއް ހިނގައި، ފިލްމަށް ބަޖެޓުގެ ދަތިކަން ވެސް ކުރިމަތިވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ސުނިލްގެ ބަދަލުގައި ފިލްމަށް ދެން ހަމަޖައްސާނެ ފަންނާނެއް އަދި ނޭނގެއެވެ. އަބީޝެކް ފިލްމު ދޫކޮށްލުމުން އެ ރޯލަށް ދެން ހަމަޖެއްސީ، ފިލްމު 'ސަނަމް ތޭރީ ކަސަމް' ގެ އެކްޓަރު ހަރްޝްވަރްދަން ރާނޭ އެވެ.
ހަރްޝްވަރްދަންގެ އިތުރުން ދެން ފިލްމުން ފެނިގެން ދާނީ އަރްޖުން ރާމްޕަލް، ސޯނޫ ސޫދް، ޕުލްކިތު ސަމްރާޓް، ސިދާންތު ކަޕޫރު، ގުރްމީތް ޗައުދަރީ، ޖިމީ ޝާގިލް އާއި ޖެކީ ޝްރޮފް އަދި ލަވް ސިންހާ އެވެ.
އެ ފިލްމަކީ އިންޑިއާގެ ތާރީހާ ވަރަށް ބޮޑަށް ގުޅޭ އަދި ގައުމަށް ޓަކައި ޝަހީދުވެފައިވާ އެތަކެއް ސިފައިންނެއްގެ އަގުހުރި ހިދުމަތް ފެނިގެންދާނެ ފިލްމެކެވެ.