ޝާހްރުކް ޚާން އަދި ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ސިދާރްތު މަލޯތުރާ އަދި ސޮނާކްޝީ ސިންހާ ލީޑު ރޯލުން ފެނިގެންދާ ފިލްމު 'އިއްތިފާގް' މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފި އެވެ.

ސިދާރްތު އަދި ސޮނާކްޝީގެ އިތުރުން އަކްޝޭ ޚަންނާ ވެސް މުހިންމު ރޯލަކުން ފެނިގެންދާ އެ ފިލްމަކީ 1969 ވަނަ އަހަރު ނުކުތް 'އިއްތިފާގް'ގެ ރީމޭކް އެކެވެ.

މިދިޔަ ހުކުރު ދުވަހު ފިލްމު ރިލީޒް ކޮށްފައި ވާއިރު، ފުރަތަމަ ދުވަހު ފިލްމަށް މާ އެދެވޭ ތަރުހީބެއް ލިބިފައެއް ނުވެ އެވެ. ޓްރޭޑް އެނަލިސްޓު ތަރަން އާދަރްޝް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފުރަތަމަ ދުވަހު ފިލްމަށް ލިބިފައި ވަނީ 4.05 ކުރޯރު ރުޕީޒް ކަމަށެވެ.

ފިލަމު ބަލަން ދިޔަ މީހުންގެ ފަރާތުން ފިލްމަށް ރަނގަޅު ކޮމެންޓުތައް ކޮށްފައި ވާއިރު، ފިލްމުގެ ރިވިއުތައް ވެސް ރަނގަޅެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާގައި ފިލްމުގެ އާމްދަނީ އިތުރުވާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ.

އަބޭ ޗޯޕްރާ ޑައިރެކްޓުކޮށްފައިވާ އެ ފިލްމަކީ ސޮނާކްޝީ އަދި ސިދާރްތު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.