އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ކާމިޔާބުކޮށްދިން ލަނޑުން އއ. މާޅޮސް ބަލިކޮށް، ތާވަލުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެމެދު އޮތް ފަރަގު ޓީސީ ސްޕޯޓްސް ކްލަބުން ކުޑަކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ދެ ވަނަ ބުރުގެ މެޗުގައި މާޅޮސް އަތުން ޓީސީ މޮޅުވެފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާ އެކު އެއް މެޗު އިތުރަށް ކުޅުނު ޓީސީ އާއި ނިއުއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ދެ ވަނައިގައި އޮތް ޓީސީއަށް ކުޅުނު 12 މެޗުން 29 ޕޮއިންޓް ލިބިފައިވާ އިރު، އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް 11 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ. މިރޭގެ މެޗުން ބަލިވި މާޅޮސް އޮތީ ކުޅުނު 12 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނައިގަ އެވެ.

މިރޭގެ މެޗުގައި ޓީސީގެ ފޭދޫ އިއްބެ ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ތިން ވަނަ މިނެޓުގަ އެވެ. އެ ލަނޑަށް ފަހު ފުރަތަމަ ހާފު އަދި ދެ ވަނަ ހާފުގައި ވެސް ޓީސީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެ އެވެ.

ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި ނިއު އާއި ދ. ކުޑަހުވަދޫ ބައްދަލުކުރާ އިރު، މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސް އާއި ގދ. ތިނަދޫ އެވެ.