ނ. ހޮޅުދޫ މޭނާ ސްކޫލުގެ ގްރޭޑް ތިނަކުން ދަށުގެ ހުރިހާ ކުދިން ބައިވެރިކޮށްގެން ބޭއްވި ފުޓްބޯލް ފިއެސްޓާ، ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ހޮޅުދޫގައި ކުރިއަށްގެންދިޔަ މޭނާ ސްކޫލްގެ ފުޓްބޯލް ފިއެސްޓާ ނިމިގެންދިޔައީ މިއަދު ހެނދުނެވެ. އެ ފިއެސްޓާގައި އެލްކޭޖީ، ޔޫކޭޖީ، ގްރޭޑް އެކެއް، ގްރޫޑް ދޭއް އަދި ގްރޭޑް ތިނެއްގައި ތައުލީމު ހާސިލް ކުރަމުންދާ ހުރިހާ ކުދިން ބައިވެރިވި އެވެ.

މޭނާ ސްކޫލް ފުޓްބޯލް ފިއެސްޓާގެ ތެރެއިން: އެ ފިއެސްޓާގައި މޭނާ ސްކޫލުގެ ގްރޭޑް ތިނަކުން ދަށުގެ ހުރިހާ ކުދިން ބައިވެރިވެފައިވޭ --- ފޮޓޯ/ މޭނާ ސްކޫލް

އެ ސްކޫލުގެ ފުޓްބޯލް ފިއެސްޓާ ކުރިއަށްދިޔައީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ. އެލްކޭޖީ، ޔޫކޭޖީ އަދި ކޮންމެ ގްރޭޑެއްގެ ވެސް ކުޅުން ވަކިވަކިން ފަސް ކެޓަގަރީއެއްގެ ގޮތުގައި ކުރިއަށްދިޔަ އިރު، ކްލާސްތައް ހަތަރު ޓީމަކަށް ބަހާލައިފައިވެ އެވެ.

'ސަން ސްޕޯޓްސް' އަށް މައުލޫމާތު ދެއްވަމުން އިވެންޓު ކޯޑިނޭޓަރު އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ، އެ ފިއެސްޓާގެ އެންމެ ބޮޑު އެއް މަގްސަދަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ހަރަކާތް ކުރިއަށް ގެންދިއުން ކަމަށާއި ފިއެސްޓާގެ ސަބަބުން ކުދިންނަށް ގިނަ ޑިސިޕްލިންތަކެއް ދަސްވެގެން ދިޔަ ކަމަށެވެ.

މޭނާ ސްކޫލް ފުޓްބޯލް ފިއެސްޓާގެ ތެރެއިން: އެ ފިއެސްޓާގައި މޭނާ ސްކޫލުގެ ގްރޭޑް ތިނަކުން ދަށުގެ ހުރިހާ ކުދިން ބައިވެރިވެފައިވޭ --- ފޮޓޯ/ މޭނާ ސްކޫލް

"ފިއެސްޓާގައި ބައިވެރިނުވެވުނީ ބަލިވެގެން ރަށުން ބޭރުގައި ތިބި ދެ ކުއްޖަކަށް. މި ފިއެސްޓާގައި ހާއްސަ އެހީއަށް ބޭނުންވާ ތިން ކުއްޖެއް ވެސް ބައިވެރިވި. އޭގެ ތެރޭގައި އަޑުއިވުމުން މަހްރޫމް ވެފައިވާ ކުއްޖަކު ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

އެ ފިއެސްޓާ ކުރިއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އިވެންޓް ކޯޑިނޭޓަރުންގެ ގޮތުގައި އައްޔަންކުރި ދެ ކޯޑިނޭޓަރުންނެވެ. އަހްމަދު މުހައްމަދު މަނިކާ އެކު އިވެންޓް ކޯޑިނޭޓަރެއްގެ ގޮތުގައި ދެން ހަރަކާތްތެރިވީ އަހުމަދު ޒުހުރީ އެވެ.

މޭނާ ސްކޫލް ފުޓްބޯލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދި ޓީމުތައް:

  • އެލްކޭޖީ - ޔެލޯ ޓީމު

  • ޔޫކޭޖީ - ގްރީން ޓީމު
  • ގްރޭޑް 1 - ރެޑް ޓީމު
  • ގްރޭޑް 2 - ރެޑް ޓީމު
  • ގްރޭޑް 3 - ޔެލޯ ޓީމު