04 Nov 2017, 23:13
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް-މައުރޫފް ސޮކަރ ކަޕް މިއަހަރު ބާއްވާ ރަށް ކަމަށްވާ ނ. މާޅެންދުއާ އެއް ގްރޫޕެއްގައި އެންމެ ފަހުގެ ޗެމްޕިއަން ނ. ހޮޅުދޫ ހިމެނިއްޖެ އެވެ.
ނ. އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު، އެމްޕީއެލް ހޯލުގެ މިރޭ ކުރިއަށްދިޔަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި މުބާރާތުގެ އެއް ބާނީ އަލީ މައުރޫފެވެ.
މައުރޫފް އާއި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިސްނެންގެވުމާ އެކު ކުރިއަށްގެންދާ އެ މުބާރާތަކީ ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.
ސިޔާމް-މައުރޫފް ސޮކަރ ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން: މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ބައިވެރިވެފައިވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިރޭ ބޭއްވި އެ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި މައުރޫފްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގު އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ނ. އަތޮޅުގެ 13 ރަށުގެ ތެރެއިން މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ރަށަކުން ވާދަކުރާނެ އެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައި ނުވަނީ ހަމައެކަނި ފޮއްދޫ އެވެ. ނ. މާޅެންދޫގައި މިމަހުގެ 15 ވަނަ ދުވަހު ފަށާ އެ މުބާރާތުގައި ބައިވެރިވި ޓީމުތައް މިރޭގެ ރަސްމިއްޔާތުގައި ތިން ޓީމަކަށް ވަނީ ބަހާލައިފަ އެވެ.
ގްރޫޕް އެކެއް:ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.
ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.
ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކަށް ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނެ އެވެ. އޭގެ އިތުރުން ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ވެސް ކުއާޓާގެ ފުރުސަތެއް ލިބިގެންދާނެ އެވެ.
ސިޔާމް-މައުރޫފް ސޮކަރ ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މައުރޫފް ވާހަކަފުޅު ދައްކަވަނީ: މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ބައިވެރިވެފައިވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ، ފުޓްބޯޅަ އަކީ ޒުވާނުންގެ ލޭނާރާ ގުޅިފައިވާ ކުޅިވަރެއް ކަމަށާއި އެ ކުޅިވަރު ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އަދި މުބާރާތުގެ ދެ ވަނަ ބާނީ ނުވަތަ އެންމެ އިސްވެރިޔާ ސިޔާމް، ނ. އަތޮޅުގެ ޒުވާނުންނަށް ކޮށްދެއްވަމުންދާ އަގުހުރި ހިދުމަތްތަކަށް މައުރޫފް ޝުކުރު އަދާކުރެއްވި އެވެ.
ސިޔާމް-މައުރޫފް ސޮކަރ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓަރުންގެ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކެނދިކުޅުދޫ ބަލިކޮށް، ވިދިވިދިގެން ދެ ވަނަ ފަހަރަށް ހޮޅުދޫން ވަނީ އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައި ވަނީ 150،000 ރުފިޔާ އެވެ. އެ އަހަރުގެ ފައިނަލް މެޗު ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް އާއި އޭނާގެ އަންހެނުން ސްޕެއިންގެ މަޝްހޫރު މޮޑެލް ވެނެސާ ލޮރެންޒޯ ބައިވެރިވި އެވެ.