މެލޭޝިއާގެ އިސްލާމިކް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އިން ދޭ އެ ޔުނިވާސިޓީގެ އެންމެ ޝަރަފްވެރި އެވޯޑް ދިވެހި ދަރިވަރަކަށް ލިބިއްޖެ އެވެ.

ދުނިޔޭގައި އިސްލާމިކް ފައިނޭންސްގެ ރޮނގުން އެންމެ ފުޅާ ދާއިރާއެއްގައި ކޯސްތައް ހިންގަމުން އަންނަ އިންސެފް އިން މިއަދު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ރައީސްގެ އެވޯޑް ލިބުނު ދިވެހި ދަރިވަރަކީ ހދ. ކުމުންދޫ، ހުސްނޫވިލާ، ވަލީދާ އަބްދުލް ރަހްމާން، 24 އެވެ.

މިއީ ކިޔަވާ ކޯހުގެ ހުރިހާ މާއްދާ އަކުން އޭ ފާސް ހޯދާ ދަރިވަރަކަށް އެ ޔުނިވާސިޓީން ދޭ އެ އެވޯޑް ދިވެހި ދަރިވަރަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

އިންސެފްގެ އިސްލާމިކް ފައިނޭންސް ޕްރެކްޓިސް އިން މާސްޓާސް ހާސިލްކޮށް ދަސްވެނިވި އަދި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އޮޕަރޭޝަން އޮފިސަރެއްގެ މަގާމް އަދާކުރަމުންދާ ވަލީދާ އެ އެވޯޑް ހާސިލްކުރީ 27 އަށްވުރެ ގިނަ ގައުމުތަކުން ކޯހުގައި ބައިވެރިވި ދަރިވަރުންނާ ވާދަ ކޮށްގެންނެވެ.

އިންސެފްގެ ނުވަ ވަނަ ދަސްވެނިވުމުގައި ދަސްވެނިވި ދިވެހި ދަރިވަރުންނާ އެކު ޑރ. އައިޝަތު މުނީޒާ ފޮޓޯއަކަށް ހުއްޓިގެން: އިންސެފް އިން ދަސްވެނިވި ހުރިހާ ދަރިވަރުންނަކީ ވެސް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ދަސްވެނިވި ދަރިވަރުން --- ފޮޓޯ/ ފޭސްބުކް

އިންސެފްގެ މިފަހަރުގެ ދަސްވެނިވުމުގައި ވަލީދާއާ އެކު އިތުރު ފަސް ދިވެހި ދަރިވަރަކު ވަނީ ދަސްވެނިވެ ސަނަދު ހާސިލް ކޮށްފަ އެވެ. އެ ހުރިހާ ދަރިވަރުން ވެސް ދަސްވެނިވެ ސަނަދު ހާސިލް ކޮށްފައިވަނީ މާސްޓާސް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސްގެ ދާއިރާއިންނެވެ.

މެލޭޝިއާގެ ސެންޓުރަލް ބޭންކް، ބޭން ނެގާރާ މެލޭޝިއާގެ ދަށުން އިސްލާމިކް ފައިނޭންސް އިން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކާ ގާއިމް ކޮށްފައިވާ އިންސެފް އަކީ ޕޯސްޓްގުރެޖުއޭޓް ކޯސް ތަކަށް ހާއްސަ އިލްމީ މަރުކަޒެކެވެ.

އެގޮތުން، އިންސެފްގެ މާސްޓާސް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސްގެ ޕްރޮގްރާމްތަކެއް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ވެސް މިހާރު ދަނީ ހިންގަމުންނެވެ.