ތައުލީމީ ރޮނގުން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ދަމަހައްޓާ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް އުފެއްދުންތެރި އައު ގޮތްތަކެއް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ފުރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ 39ވަނަ ޔުނެސްކޯ ޖެނެރަލް ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވަނީ ތައުލީމީ ރޮނގުން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ.

އެގޮތުން ސަރުކާރުން ޕްރީ ސްކޫލް ތައުލީމު ހިލޭ ފޯރުކޮށްދޭން ފެށުމާ އެކު ޕްރީ ސްކޫލް ތައުލީމު ލިބެމުންދާ ދަރިވަރުންގެ ނިސްބަތް މީގެ 15 އަހަރު ކުރިން އޮތް 51 ޕަސެންޓުން، 99 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ޕްރީ ސްކޫލުން ފެށިގެން ސާނަވީއާ ހަމައަށް މިންތީގެ ހަމަހަމަކަން ގާއިމްކުރެވި، ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މަތީ ސާނަވީ ނިންމާ ދަރިވަރުންގެ އަދަދު ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިތުރު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ގާތްގަނޑަކަށް 90 ޕަސެންޓް ދަރިވަރުން ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާން ފުރިހަމަ ކުރާއިރު އެ އިމްތިހާނުގެ ފަސް މާއްދާއިން ފާސްވާ ނިސްބަތް 70 ޕަސެންޓަށް އިތުރު ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ކާމިޔާބީތައް ފާހަގަ ކުރަމުންދާއިރު އެ ކާމިޔާބީތައް ދަމަހައްޓާ ތައުލީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް އުފެއްދުންތެރި އައު ގޮތްތަކެއް ބޭނުންވާ ކަމަށެވެ.

އަދުގެ ސަރުކާރުގެ ގައުމީ ތަރައްގީގެ އެޖެންޑާ ބިނާވެފައި އޮތީ މީހުން ބާރުވެރި ކުރުވުމުގެ މައްޗަށްކަން ފާހަގަކުރައްވާ މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، އިންސާނީ ހައްގުތައް ކުރިއަރުވައި ޑިމޮކްރަސީ ވަރުގަދަކޮށް އިތުރު ކުރިއަރުވަން އޮތް އެންމެ މޮޅު ގޮތަކީ މީހުންނަށް އިންވެސްޓް ކުރުން ކަމަށެވެ.

މިނިސްޓަރުގެ ތަގުރީރުގައި ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ ތިމާވެއްޓާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ، ތިމާވެށީގެ ލަނޑުދަނޑިތަކަށް ހާސިލް ވުމަކީ ރާއްޖެއަށް ކޮންމެހެން މުހިއްމު ކަމަކަށް ވާއިރު ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކުން ރައްކާތެރިވެ ދެމެހެއްޓެނިވި ތިމާވެއްޓަކަށް ވާސިލް ވުމަށް ރާއްޖެ އިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެފަދަ ތަރައްގީ ވަމުން އަންނަ އެހެން ކުދި ގައުމުތަކާ ގުޅިގެން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސޮއިކުރި ޕެރިސް އެގްރިމެންޓަށް އަމަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"ތަރިކަ ރައްކާތެރި ކުުރުމުގައި ހާއްސަކޮށް ކަނޑުއަޑީގެ ދިރުންތައް ދިރުވާ އާލާކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ބ. އަތޮޅު ބަޔޯސްފެޔާ ރިޒާވް ފުރަތަމަ ފަހަރަށް މިހާރު ވަނީ ދުނިޔޭގެ ބަޔޯސްފިޔާ ރިޒާވްގައި ހިމަނާފައި. މިހާރު މަސައްކަތް މިކުރަނީ ރާއްޖޭގެ އާސާރީ އެއް ބިނާ ކަމަށްވާ ހުކުރު މިސްކިތް ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމަނަން،"