04 Nov 2017, 19:23
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ތިން ލަނޑުގެ ލީޑެއް ހޯދާފައި ވަނިކޮށް، ށ. މިލަންދޫން އެއްވަރު ކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު މާޒިޔާ އާއި މިލަންދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 3-3 ލަނޑުގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗަކީ މާޒިޔާގެ ކޯޗަކަށް އިސްމާއިލް މެހެފޫޒް (އިންމަ) ހަމަޖެއްސި ފަހުން، ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
ލީގު ތާވަލަށް ބަލައިލާ އިރު، މާޒިޔާ އޮތީ ކުޅުނު 12 މެޗުން ލިބުނު 24 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޓީސީއަށް 11 މެޗުން 26 ޕޮއިންޓް ލިބިފައިވާ އިރު، އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް 11 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ. މިލަންދޫ އޮތީ ކުޅުނު 12 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި މާޒިޔާ އިން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފަ އެވެ. މެޗުގެ 23 ވަނަ މިނެޓުގައި މާޒިޔާއަށް މިލޮސް ކޮވަސެވިޗް ލީޑު ހޯދައިދިން އިރު، މެޗުގެ 35 ވަނަ މިނެޓުގައި މާޒިޔާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކެރިޗް އަންދްރޭޖް އެވެ. އަދި އޭގެ ދެ މިނެޓް ފަހުން މާޒިޔާގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަޝްއަދު އަލީ (އަޑުބަރޭ) އެވެ.
މެޗުގެ ދެ ވަނަ ހާފުގައި މިލަންދޫން ވަނީ ތަފާތު ކުޅުމެއް ދައްކައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 54 ވަނަ މިނެޓުގައި މިލަންދޫގެ ފުރަތަމަ ލަނޑު އަބްދުﷲ މިސްބާހު ކާމިޔާބު ކޮށްދިން އިރު، އޭގެ ހަތަރު މިނެޓް ފަހުން އޭނާ ވަނީ މިލަންދޫގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. މެޗުގެ 78 ވަނަ މިނެޓުގައި މިލަންދުއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި އއ. މާޅޮހެވެ.