05 Nov 2017, 08:27
އިންސްޓަގްރާމް ހުޅުވައިލިއަސް ސްނެޕްޗެޓް ނޫނީ ފޭސްބުކް އަދި ޓުވިޓާ ހުޅުވާލިޔަސް ފެންނާނީ ކޮންމެވެސް މޮޅު ކާއެއްޗެއްގެ ފޮޓޯއެވެ. އަގުބޮޑު ރެސްޓޯރެންޓަކަށް ގޮސް ރީތި ގޮތަކަށް ޕްރެޒެންޓް ކޮށްފައި ހުންނަ ކާއެއްޗެހީގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމަކީ އާންމު ކަމެކެވެ. އެކުގައި ކާންދާ މީހާއަށް ބެލުމެއްނެތި ބައެއް މީހުން މުޅި ވަގުތު ހޭދަކުރަނީ ރީތި ފޮޓޮއެއް ނަގައި ސޯޝަލް މީޑިއާއަށް ޕޯސްޓްކޮށް ލިބޭ ކޮމެންޓްތައް ބެލުމުގައެވެ.
މި ހުރިހާ ކަމަކަށް ހައްލު ގެނައުމަށް އިނގިރޭސިވިލާތުގެ ރެސްޓޯރެންޓަކުން ވަނީ އެ ރެސްޓޯރެންޓުގައި ސާވްކުރާ ކާއެއްޗެހީގެ ފޮޓޯނެގުން މަނާކޮށްފައެވެ. އިނގިރޭސިވިލާތުގެ ބާކްޝާގައި ހުންނަ "ދަ ވޯޓަރ ސައިޑް އިން" އިން މި ނިންމުން ނިންމާފައިވާ އިރު ރެސްޓޯރެންޓަށް ވަންނަ ދޮރުުގައި "ނޯ ފޮޓޯ ޕްލީޒް" ނުވަތަ ފޮޓޯ ނުނެންގެވުން އެދެން ޖަހާފައި ހުންނަ ނޯޓިސްއެއް ހުރެއެވެ.
އެ ރެސްޓޯރެންޓުން ބުނީ އެގޮތަށް ގަވާއިދެއް ހެދީ ނަގާ ފޮޓޯއަކުން ކާއެއްޗެހީގެ ރަހަ ނޭނގޭނެތީ ކަމަށެވެ.
އިނގިރޭސިވިލާތުގެ ފެންވަރު ރަނގަޅު މަޝްހޫރު ރެސްޓޯރެންޓަކުން މިފަދަ ނިންމުމެއް ނިންމާފައިވާ އިރު، 2014 ވަނަ އަހަރުތެރޭ ފްރާންސްގެ ޝެފުންތަކެއް ވަނީ ކާއެއްޗެހި ކެއުމުގެ ކުރިން ފޮޓޯ ނެގުމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ވޯޓަރ ސައިޑް އިން އަކީ ތިން ތަރީގެ، އެވޯޑް ވިނިން ރެސްޓޯރެންޓެކެވެ.