ބުލީ ކުރުން ނުވަތަ "ގަނާ" ކުރުމަކީ މުޖްތަމައުގައި އެންމެ އާންމު އިޖްތިމާއީ ބައްޔެވެ. ސްކޫލާއި ސްކޫލުން ބޭރުގައި، އޮފީސްތަކުގައި އަދި ރައްޓެހިންގެ ގުރޫޕު ތެރޭގައި ވެސް މިއީ އާންމު ކަމެކެވެ. ބުލީގެ ޝިކާރައަކަށް ވާ މީހާ ތަހައްމަލު ކުރަންޖެހޭ ނަފްސާނީ ގެއްލުންތަކަކީ ބުލީ ކުރާ މީހުންނަށް ހިތަށްވެސް ނުގެނެވޭނެ ފަދަ ވޭނެކެވެ.

ބުލީ ކުރުން ހުއްޓުވުމަށް ފަރުދީ ފެންވަރުގައި، ސްކޫލުތަކުން އަދި ބެލެނިވެރިންވެސް މަސައްކަތް ކުރަންޖެހެއެވެ. އެއްވެސް މީހަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. ބުލީ ކުރުން އެންމެ އާންމު އެއްތަނަކީ ސްކޫލެވެ. ސްކޫލުތެރޭ ބުލީގެ ޝިކާރައަކަށް ވާ ކުދިންގެ އުޅުމުން އެކަން ދެނެގަނެވޭނެ އެވެ.

ސްކޫލަށް ދާން ބޭނުން ނޫންކަމަށް ބުނުން:

ސްކޫލަކީ ގިނަ ރައްޓެހިންނާ ދިމާވެ އާ ކަންތައް ދަސްކުރާ ތަނެކެވެ. ސްކޫލަށް ދާ އުމުރުގެ ކުދިން ހާއްސަކޮށް ޕްރީ ސްކޫލާއި ޕްރައިމަރީ ސްކޫލު އުމުރުގެ ކުދިން އެއްވެސް މަގުބޫލު އުޒުރަކާ ނުލައި ސްކޫލަށް ދާން ބޭނުން ނުވުމަކީ ސްކޫލުގެ މާހައުލުން އެކުދިންނާ ބުލީ ކުރާ ކަމުގެ ނިޝާނެކެވެ.

ގެންގުޅޭ އެއްޗެހި ހަލާކުވެފައި ހުރުން:

ކުދިން ގެންގުޅޭ އެއްޗެހި ހަލާކުވުން ނޫނީ ގެއްލުމަކީ އެކުދިންގެ އަތުން ވެދާނެ ކަމެކެވެ. ނަމަވެސް ކުއްޖާ ގެންގުޅޭ ފޮތް ފަންސުރު އަދި ދަބަސް ފަދަ އެއްޗެހި ހަލާކުވެފައި ހުރުމަކީ އާންމު ކަމަކަށް ވާނަމަ ނޫނީ މިތަކެތި ގެއްލުން އާންމުވާނަމަ ކުއްޖާއަށް ސްކޫލުގެ މާހައުލުން ބުލީ ކުރުމާ ކުރިމަތި ވަނީ ކަމަށް ވެދާނެ އެވެ.

ނަތީޖާ ދަށްވުން:

ކުއްޖާ އަކީ ކިޔެވުމަށް ސަމާލުކަންދޭ އަދި ރަނގަޅު ނަތީޖާއެއް ގެންނަ ކުއްޖަކަށް ވެފައި، ކިޔެވުމަށް ދޭ ސަމާލުކަން ކުއްލިއަކަށް ކުޑަވުން، ކިޔަވަން ބޭނުން ނުވުން އަދި ނަތީޖާ ދަށްވުމަކީ ބެލެނިވެރިން އެކަމަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. މިއީ ކުއްޖާ ބުލީގެ ޝިކާރައަކަށް ވެފައިވާކަމުގެ ނިޝާނަކަށް ވުން އެކަށީގެންވެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުން:

ގައިގެ ތަންތަން އަމިއްލައަށް ހަލާކުކުރުން، ތެޅުން އަދި ހަރު ތަންތަނުގައި ބޮލުން ތެޅުން ފަދަ ކަންތައްތަކަކީ ބުލީގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ ފަރާތުން ފެނިގެން ހިނގައިދާނެ އަމަލުތަކެކެވެ.

ކުދިންގެ ފަރާތުން މިފަދަ އަލާމާތްތައް ފެންނަ ނަމަ އަދި ކުއްޖާގެ އުޅުމަށް ކުއްލި ބަދަލެއް އައިސްފިނަމަ އެކަމާމެދު ވިސްނާ ފިޔަވަޅު އެޅުމަކީ ބެލެނިވެރިން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބުލީގެ ޝިކާރައަކަށް ވުމަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލި، ބާކީ ވާކަމުގެ އިހްސާސް ކުރެވޭ ކަމެކެވެ. ކުއްޖާއަށް ސަޕޯޓްދީ އެކަނިވެރިކަން އިހްސާސް ވިޔަ ނުދިނުމަކީ ބެލެނިވެރިޔާ ކުރަންޖެހޭ ކަމެކެވެ.