ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް-މައުރޫފް ސޮކަރ ކަޕްގެ ގުރުލުން މިރޭ އޮންނާނެއެވެ. ނ. އަތޮޅުގެ ހުރިހާ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގުރުލުން އޮންނާނީ މިރޭ 9:00ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހޯލްގައެވެ.

މިފަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރަން ހަމަޖެހިފައި ވާއިރު، މިއަހަރު މުބާރާތް ބާއްވާނީ ނ. މާޅޭންދޫގައެވެ.

މުބާރާތުގެ ގުރު ނެގުން މިރޭ 9:00 އިން ފެށިގެން އެމްޕީއެލް ހޯލްގައި ކުރިއަށް ދާއިރު، އެ ރަސްމިއްޔާތުސަން ޓީވީން ވަގުތުން ދައްކާނެއެވެ.

ސިޔާމް-މައުރޫފް ސޮކަރ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 500،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓަރުންގެ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ.

ސިޔާމް މައުރޫފް ސޮކަރ ކަޕް 2016ގެ ފައިނަލް މެޗުގެ ކުރީން، އެ މެޗުގެ ޝަރަފްވެރި މެހެމާން، ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް އާއި އޭނާގެ އަންހެނުން ވެނެސާ ލޮރެންޒޯ ޓީމްތަކުގެ ސަޕޯޓަރުންނާ ސަލާމްކުރަނީ -- ސަން ފައިލް ފޮޓޯ: އަލީ އާތިފް

ޖުމުލަ ބައިމިލިއަނަށް ވުރެ ގިނަ އަދަދަކަށް ފައިސާގެ އިނާމް ހުށަހަޅައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިދިޔަ އަހަރު ނ. އަތޮޅުގެ ހުރިހާ ރަށަކުން ވާދަކޮށްފައި ވާއިރު، މިފަހަރުގެ މުބާރާތުގައި ވާދަ ނުކުރަނީ ހަމައެކަނި ފޮއްދޫންނެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ކެނދިކުޅުދޫ ބަލިކޮށް، ވިދިވިދިގެން ދެވަނަ ފަހަރަށް ހޮޅުދޫން ވަނީ އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައި ވަނީ 150،000 ރުފިޔާއެވެ. އެ އަހަރުގެ ފައިނަލް މެޗު ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލްއާއި އޭނާގެ އަންހެނުން ސްޕެއިންގެ މަޝްހޫރު މޮޑެލް ވެނެސާ ލޮރެންޒޯ ބައިވެރިވިއެވެ.

ސިޔާމް-މައުރޫފް ސޮކަރ ކަޕްއަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.