04 Nov 2017, 14:38
ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ކުރި އަބުރުގެ ދައުވާއެއް ކާމިޔާބުވެ، ބަދަލުގެ ގޮތުގައި އޭނާ އަށް ލިބުނު ފައިސާ ޗެރިޓީ އަށް ހަދިޔާކޮށްފި އެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ ލަ ރެޒޮންއާ ދެކޮޅަށް މެސީ ދައުވާ ކުރީ 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި މެސީ މަނާ ބޭސް ބޭނުންކުރި ކަމަށް ތުހުމަތުކޮށް އަބުރާ ބެހިފައިވާ ކަމަށް ބުނެއެވެ.
މެސީ ވަނީ މި ދައުވާ ކާމިޔާބުވެއްޖެ ނަމަ، ބަދަލުގެ ގޮތުގައި ލިބޭ ފައިސާ ޗެރިޓީ އަށް ހަދިޔާކުރާނެ ކަމަށް ބުނެ ވައުދުވެފަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ބާސެލޯނާގެ ކޯޓަކުން މިދިޔަ އަހަރު ކުރި ހުކުމަށް، ސްޕެއިންގެ ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މެސީއާ ބެހޭ ގޮތުން އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ލަ ރެޒޮން ނޫހުން ފަތުރާފައިވާ ކަމަށް ސާބިތުވާ ކަމަށާއި އެކަމުގެ ސަބަބުން މެސީ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި 72،783.20 ޔޫރޯ މެސީ އަށް ދިނުމަށް ލަ ރެޒޮން ނޫހާއި އެ ނޫހުގެ އެޑިޓަރު އަދި އެ ޙަބަރު ލިޔުނު ނޫސްވެރިޔާގެ މައްޗަށް ހުކުމް ކުރާ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި "ޑޮކްޓާސް ވިތުއައުޓް ބޯޑާސް" ޖަމިއްޔާ އަށް ވެފައިވާ މި ވައުދު ފުއްދައި މެސީ މިހާރު ވަނީ އެ ފައިސާ ހަދިޔާ ކޮށްފަ އެވެ.
ސްޕެނިޝް ލީގުގައި މިރޭ ސެވިއްޔާ އާ ދެކޮޅަށް ބާސާ ކުޅޭ މެޗަށް މެސީ ނުކުންނާނީ އޭނާގެ 600 ވަނަ ބާސާ މެޗަށެވެ.