ޕެރިސް (ނޮވެމްބަރު 4): ފްރާންސުން ވެރިކަން ކުރާ ޖަޒީރާއެއް ކަމަށްވާ ނިއު ކެލެޑޯނިއާ މިނިވަންވެ، އަމިއްލަ ވެރިކަމެއް ގާއިމު ކުރުމާ ބެހޭ ގޮތުން އަންނަ އަހަރު ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމައިފި އެވެ.

ފްރާންސުގެ ސަރުކާރުން ބުނި ގޮތުގައި އެވޯޓާ ބެހޭ ގޮތުން ނިއު ކެލެޑޯނިއާގެ ލީޑަރުން ވަނީ ބުރާސްފަތި ދުވަހު އެ ގައުމުގެ މިނިސްޓަރުންނާ މަޝްވަރާކުރައްވައިފަ އެވެ. އަދި 275,000 މީހުންގެ އާބާދީއެއް އޮންނަ އެ ރަށްތަކުގައި ވޯޓު ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިންނެވެ.

ފްރާންސުގެ ބޮޑުވަޒީރު އެޑްވާޑް ފިލިޕް ވިދާޅުވި ގޮތުގައި ނިއު ކެލެޑޯނިއާގެ ލީޑަރުންނާ އެކު ބޭއްވި އެ ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ސިޔާސީ އެއްބަސްވުމަކަށް އައިސްފަ އެވެ. އެގޮތުން ދެ ފަރާތުން ވަނީ ވޯޓުގައި ބައިވެރިވާނެ މީހުންގެ އަދަދާއި، ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނާއި، އދ.ގެ އޮބްޒާވަރުން ގެނައުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ކަމަށް ބޮޑުވަޒީރު ފިލިޕް ވިދާޅުވި އެވެ.

ނިއު ކެލެޑޯނިއާއިން އެވޯޓު ނަގަން ނިންމީ އެރަށްތައް ފްރާންސުގެ ވެރިކަމުގެ ދަށުގައި އޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެގައުމުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވި ފަހުންނެވެ.

މިދިޔަ މޭ މަހު މެކްރޮން ވިދާޅުވި ގޮތުގައި ނިއު ކެލެޑޯނިއާގައި ވަނީ ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ، ތައުލީމީ ނިޒާފު ފެއިލްވެ، ބަނގުރަލަށް ދެވި ހިފުމާއި ޒުވާނުން ކުށް ކުރާ އަދަދު އިތުރުވެފަ އެވެ. އެހެންކަމުން އެޖަޒީރާ ތަރައްގީ ކުރުމަށާއި، ސުލްހަވެރިކަން ދެމެހެއްޓުމަށް ފްރާންސުގެ ވެރިކަން އޮންނަން ޖެހޭ ކަމަށް މެކްރޮން ވިދާޅުވި އެވެ. (ބީބީސީ)