04 Nov 2017, 12:54
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތައް 160 ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނާޒް ނުވަތަ ޑޮކްޓަރުން ހޯދުމަށް އިއުލާންކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ 160 ޑޮކްޓަރުން ހޯދަނީ މެޑިސިން އާއި އެނެސްތީސިއޮލޮޖީ އާއި އޯތޯޕީޑިކްސް، އެނެސްތީސިއޮލޮޖީ އާއި ސަރޖަރީ އާއި ޕީޑިއެޓްރިކްސް އާއި ޑާމެޓޮލޮޖީ އާއި އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ އާއި ސައިކޭޓްރީ އާއި އީ.އެން.ޓީ އާއި ރޭޑިއޮލޮޖ އާއި ނެފްރޮލޮޖީ އަދި އޮފްތަލްމޮލޮޖިސްޓް މަގާމުތަކަށް ކަމަށެވެ.
ދާއިމީ މަގާމުތަކަކަށް ނަގާ އެ ޑޮކްޓަރުންގެ އަސާސީ މުސާރައަކީ 30،990 ރުފުޔާ ކަމަށް އިއުލާނުގައިވެ އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 10،200 ރުފިޔާ ލިބޭނެއެވެ.
މުސާރައިގެ އިތުރުން، އިތުރު އިނާޔަތްތަކުގެ ގޮތުގައި ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭއިރު ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތާއި އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެއެވެ. އަދި މަގާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް ވެސް ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ.