ދި ޓީވީ ހިންގާ ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ސަރުކާރާދެމެދު ވެފައިވާ އެއްބަސްވުމުގައި ޓެރެސްޓިރިއަލް ލައިސަންސް ދިނުމުގެ އެއްވެސް ކަމެއް ބަޔާކޮށްފައި ނެތުމުން، އެ ކުންފުންޏަށް ޓެރެސްޓީރިއަލް ލައިސަންސެއް ދިނުމަށް ދައުލަތަށް ލާޒިމް ވެގެންނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޓެރެސްޓިރިއަލް ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބެން ޖެހޭނެ ކަމަށް ބުނެ ދި ޓީވީ ހިނގާ ބްރޯޑްކާސްޓިން މޯލްޑިވްސް އިން ކުރި ދައުވާއަށް ޝަރީއަތް ހިންގުމަށް ފަހު ގާޒީ މަރިޔަމް ނިހާޔަތު އިއްވެވި ހުކުމްގައި ބުނެފައި ވަނީ ސެޓެލައިޓާއި ކޭބަލް އަދި ޓެރެސްޓިރިއަލް ބްރޯޑްކާސްޓްކުރުމަކީ ތިން ބާވަތެއްގެ ބްރޯޑްކާސްޓިންއެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ފަސް ވަނަ މާއްދާގެ )ހ( ނަޒަރު ކުރުމުން ޓެރެސްޓްރިއަލްކޮށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އެކުންފުންޏަށްދީފައި ނުވާ ކަން އެނގޭ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ޓެރެސްޓްރިއަލް ލައިސެންސާ ބެހޭ އެއްވެސް ކަމެއް ބަޔާކޮށްފައި ނުވުމުން ޓެލެސްޓީރިއަލް ލައިސަންސާ އެކު ބްރޯޑްކާސްކުރެވޭ ހުރިހާ ވަސީލަތެއް މެދުވެރިކޮށް އެކަންތައްތައް ފަހިކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމްވުން ކަމުގައި ބެލެވެން ނެތް ކަމަށް މިއަދުގެ ހުރެއްވެވި ހުކުމްގައި ބުނެފައިވެ އެވެ. އަދި އެ ލައިސެންސް ދޫކުރެވޭނީ ޓެލެސްޓީރިއަލް ލައިސެންސާ ބެހޭ ގަވާއިދުގެ ދަށުން ފްރިކްއެންސީ ދޫކުރެވެނީ އެކަމަށް ބޭއްވޭ ބީލަމަކުން ކަމަށާއި ފްރިކްއެންސީ ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ ކަމެއްވާ ނަމަ އެއީ އެކުންފުނިން ފުރިހަމަކުރަން ޖެހޭނެ ކަންތަކެއް ކަމަށް ވެސް ގާޒީ ނިހާޔަތު އިއްވެވި ހުކުމްގައި ބުނެފައިވެ އެވެ.

ހުކުމްގައި އިތުރަށް ބުނެފައި ވަނީ ޑިޖިޓަލް ޓެރެސްޓިރިއަލް ބްރޯޑްކާސްޓިން ޓެސްޓް ކުރުމަށް ދައުލަތުން ވަގުތީ ގޮތުން ބްރޯޑްކާސްޓިން މޯލްޑިވްސް އަށް ފްރީކްއެންސީއެއް ވަކި މުއްދަކަށް ދިން ކަމަށެވެ. އަދި އެއަށް ވުރެ ދިގު މުއްދަތަކަށް ނުވަތަ އެކަމުގެ ސަބަބުން ދާއިމީ ފްރީކްއެންސީއެއް ނުވަތަ ލައިސަންސެއް ބްރޯޑްކާސްޓިން މޯލްޑިވްސް އަށް ދޫކުރަން ޖެހޭނެ ކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.

"ދައުވާ ކުރާ ފަރާތުން މިދައުވާގައި އެދިފައި ވަނީ ޓެރެސްޓްރިއަލް ބްރޯޑްކާސްޓް ކުމުގެ ހުއްދަ ދައުވާ ކުރާ ފަރާތަށް ދޫކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުން ކަމުގައިވީ ހިނދު، އިސްވެ ބަޔާކުރެވުނު ސަބަބުތައް އެހެން ހުރީތީ އެދިފައިވާ ފަދައިން ޓެރެސްޓްރިއަލް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފީމެވެ،" ރާއްޖޭގައި އެންމެ ފުރަތަ އުފެދުނު އަމިއްލަ ޓީވީ ޗެނަލް ދި ޓީވީން ދައުލަތުގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ނިންމާލެއްވުމަށް ފަހު ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވެ އެވެ.