ވޮޝިންޓަން (ނޮވެމްބަރު 4): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާގެ ފަސް ގައުމަކަށް ކުރައްވާ 11 ދުވަހުގެ ދަތުރުފުޅު ފައްޓަވައިފި އެވެ.

ފާއިތުވި 25 އަހަރު ތެރޭގައި އެމެރިކާގެ ރައީސަކު އޭޝިއާއަށް ކުރައްވާ އެންމެ ދިގު ދަތުރުފުޅުގައި ރައީސް ޓްރަމްޕް ވަޑައިގަންނަވާނެ ގައުމުތަކުގެ ތެރޭގައި ޖަޕާން، ދެކުނު ކޮރެއާ، ޗައިނާ، ވިއެޓްނާމް އަދި ފިލިޕީންސް ހިމެނެ އެވެ.

ޓްރަމްޕް އޭޝިއާއަށް ވަޑައިގަންނަވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އުފައްދާ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މިދަތުރުފުޅުގައި ޓްރަމްޕް، އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅު އަޅަން ޗައިނާއަށް ޕްރެޝަރު ކުރައްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މީގެ އިތުރުން، ދެކުނު ކޮރެއާގައި ހުންނަ އެމެރިކާގެ އަސްކަރީ ކޮމްޕްލެކްސް، ކޭމްޕް ހަމްފްރޭސްއަށް ޒިޔާރަތް ކުރައްވާ، ވިއެޓްނާމްގައި އޮންނަ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ސަމިޓުގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ފިލިޕީންސްގެ ވެރިރަށް މެނީލާގައި އޮންނަ ސައުތް އީސްޓް އޭޝިއަން ނޭޝަންސް ސަމިޓު (އާސިއާން) ސަމިޓުގައިވެސް ރައީސް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އޭޝިއާ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ޓްރަމްޕް ވަނީ ފަސްޓް ލޭޑީ މެލާނިއާއާ އެއްކޮށް ހަވާއީއަށް ވަޑައިގެން، 1941 ވަނަ އަހަރު ޖަޕާނުން ވައިގެ ހަމަލާތައް ދިން ޕާލް ހާބަރަށް ޒިޔާރަތް ކުރައްވާފަ އެވެ. އެއަށް ފަހު ޓްރަމްޕް ދަތުރުފުޅު ފައްޓަވާނީ ޖަޕާނުންނެވެ. (ބީބީސީ)