ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން އާާ ކޮށް އެ ކުލަބުގައި މަޑު ކުރަން ބޭނުން ކަމަށް މިޑްފީލްޑަރު ސެސްކް ފެބްރިގާސް ބުނެފިއެވެ.

ފެބްރިގާސް މިހެން ބުނެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާތަކުގައި އަޑުފެތުރެމުން ދަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުން ފެބްރިގާސް އަކީ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ވަރަށް ގަޔާވާ ކުޅުންތެރިޔެއް ކަމަށާއި، އޭނާ ހޯދުމަށް އެޓީމުން ވަރަށް އަވަހަށް ބިޑެއް ހުށަހަޅާނެ ކަމަށެވެ.

ނަމަވެސް ފެބްރިގާސް ބުނީ ޗެލްސީއަކީ އޭނާ އަށް ވަރަށް ރަނގަޅަށް ކަންތައް ކޮއްދެމުން އަންނަ ކްލަބެއް ކަމަށާއި، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ބޭނުންވާ ކަމަށެވެ.

"ޗެލްސީގެ ސަޕޯޓަރުން އަހަރެންނަށް ވަރަށް އިހުތިރާމް ކުރޭ. ފާއިތުވެދިޔަ ތިން އަހަރުގައި ޗެލްސީއަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެވިފައިވާ ކަމަށް ގަބޫލު ކުރަން. އެހެންވެ ޗެލްސީ އަހަރެން ވަރަށް އިހުތިރާމް ކުރާ ކްލަބެއް." ފެގްރިގާސް ބުންޏެވެ.

ފެބްރިގާސް ބުނީ އެހެން ކުލަބަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި މިވަގުތު ވިސްނުން ހުރީ ޗެލްސީގައި މަޑުކޮށް އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ކަމަށެވެ.

ފެބްރިގާސް އަންނަނީ މި ސީޒަނުގައި އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މި ސީޒަނުގައި ޗެލްސީ އަށް މިހާތަނަށް ކުޅުނު 10 މެޗުގައި އެއް ލަނޑު ކާމިޔާބު ކޮށްފައެވެ.