އިންޑިއާގެ ކުރީގެ މަޝްހޫރު ޅެންވެރިޔާ ސާހިރް ލުދިއާންވީގެ ހަޔާތުގެ މައްޗަށް ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ ފިލްމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ނޫނެކޭ ބުނެފި އެވެ.

ޕްރިޔަންކާ ފިލްމު ދޫކޮށްލާފައި ވަނީ ސަބަބު ހާމަކުރުމެއް ނެތި އެވެ. ފިލްމުގައި ޕްރިޔަންކާ އަދާކުރުމަށް ހަމަޖެހިފައި އޮތީ ސާހިރްގެ ލޯބިވެރިޔާ އަމްރިތާ ޕްރިތަމްގެ ރޯލެވެ.

ޕްރިޔަންކާ ފިލްމު ދޫކޮށްލުމުން މިހާރު ބަންސާލީ މިވަނީ އޭނާގެ 'ފެވަރިޓް'، ދީޕިކާ ޕަދުކޯން އެ ރޯލަށް ހަމަޖައްސައިފަ އެވެ. ފިލްމުގައި ސާހިރްގެ ރޯލުން ފެނިގެންދާނީ އަބީޝެކް ބައްޗަން އެވެ.

މިއީ ބަންސާލީ އާ އެކު ދީޕިކާ މަސައްކަތް ކުރާ ހަތަރު ވަނަ ފަހަރެވެ. ބަންސާލީ ޑައިރެކްޓުކޮށް ދީޕިކާ ލީޑު ރޯލުން ފެނިގެން ދިޔަ ދެ ފިލްމު ކަމުގައިވާ 'ރާމް ލީލާ' އަދި 'ބާޖީރާއޯ މަސްތާނީ' އަށް ބޮޑު ކާމިޔާބެއް ލިބިގެން ދިޔަ އިރު ތިން ވަނަ ފިލްމު 'ޕަދްމާވަތީ' ރިލީޒް ކުރާނީ އަންނަ މަހު އެވެ.

ފިލްމަށް ފުރިހަމަ އަށް ވަގުތު ދިނުމަށް އަބީޝެކް ވަނީ ފިލްމުގެ މަސައްކަތް ނުނިމެނީސް އިތުރު ފިލްމަކަށް ސޮއި ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި އަބީޝެކް މިހާރު އަންނަނީ ސާހިރްގެ ޅެންތައް އަޑުއަހައި ފަރިތަކުރަމުންނެވެ.