ސުޝާންތު ސިންގް ރާޖްޕުތު އަދި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ކޭދަރްނާތު' ރިލީޒް ކުރުން ފަސްކޮށްފި އެވެ.

ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް ފިލްމުގެ ބައެއް މަންޒަރުތައް އަލުން ނަގަން ނިންމައި، އަންނަ އަހަރު ފަހުކޮޅު ފިލްމު ރިލީޒް ކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓު ކުރާ އެ ފިލްމުގެ ޕްލޮޓް ބިނާކޮށްފައި ވަނީ 2013 ވަނަ އަހަރު އިންޑިއާގެ އުއްތަރަކަންޑުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގެ މައްޗަށެވެ. އަދި އަލުން ނަގަން ނިންމައިފައި ވަނީ ވެސް އެ ހާދިސާ އާއި ގުޅޭ މަންޒަރުތަކެވެ.

ފިލްމު އުފައްދާ ފަރާތުން ބުނީ ހާދިސާގެ ސީންތައް ދިގު ކުރަން ޖެހޭ ކަމަށް ފެންނަ ކަމަށާއި އެހެންކަމުން މުމްބާއީގައި ސެޓް ތައްޔާރުކޮށް އަންނަ ފެބުރުއަރީގައި އަލުން ޝޫޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މަންޒަރުތައް ޝޫޓުކޮށް ނިމޭނެ ކަމަށް ބެލެވެނީ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން އަހަރު ފަހުކޮޅު ފިލްމު ރިލީޒް ކުރާގޮތަށް ހަމަޖެއްސީ އެވެ.

އެކްތާ ކަޕޫރުގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އެ ފިލްމަކީ ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ. އެހެންކަމުން ސާރާގެ ހުނަރު ބަލައިލުމަށް ކެތްމަދުވެފައި ތިބި މީހުންނަށް މި ޖެހުނީ އިތުރު އިންތިޒާރެއް ކުރާށެވެ.