ނ. މިލަދޫގައި ރޭ އިރާކޮޅު ހިންގި މާރާމާރީ އާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ ރޭ އިރާކޮޅު ބިދޭސީ ބަޔަކާއި އެ ރަށުގައި އުޅޭ ޒުވާނުންތަކަކާ ދެމެދު ހިނގި މާރާމާރީއާ ގުޅިގެން ތިން ޒުވާނަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ހައްޔަރު ކުރީ ކޮން ބައެއް ކަމެއް އަދި އެ މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރައްވަ އެވެ.
ރޭ މިލަދޫގައި ހިނގި ދޭސީ- ބިދޭސީ މާރާމާރީ އާ ގުޅިގެން ބިދޭސީއެއްގެ ބޯފެޅި އެކިވަރުގެ ޒަޚަމްތައް މާރާމާރީ ހިންގި މީހުންނަށް ވަނީ ލިބިފަ އެވެ.

ރޭގެ މާރާމާރީގައި ހަމަލާ ދިނުމަށް ބިދޭސީން ލަޓިބުރި އާއި ދަގަނޑު ބުރި ބޭނުން ކޮށްފައިވާ ކަމަށާއި އެމީހުން ތިބީ ދުރާލައި ހަމަލައެއް ދޭން ތައްޔާރުވެގެން ކަމަށް ވެސް މިލަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިލަދޫގައި އުޅޭ ބިދޭސީންނާއި އެ ރަށުގެ ބަޔަކާ ދެމެދު ކުރިމަތިލާން މެދުވެރިވި ސަބަބެއް ކަމަށް ރަށުގެ ބައެއް މީހުން ބުނަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އެ ރަށު "ރާސްތާ" ގެއަށް ފައިބާ ތިބޭ ބިދޭސީ މީހުންނަށް ރަށުގެ ޒުވާން ގްރޫޕަކުން ތަކުރާރުކޮށް ޖެއްސުން ކުރުމެވެ. އަދި އިއްޔެ މާރާމާރީ ހިނގުމުގެ ކުރިން ވެސް އެ ގްރޫޕުން ބިދޭސީންނަށް ޖެއްސުންކުރި ކަމަށްވެ އެވެ.