ގައުމެއް އެއްބައިވަންތަ ކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ދިވެހިންނަށް ލިބިފައިވާ ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދިވެހިންނަކީ ނަސީބުވެރި ބައެއް ކަމަށާއި މާތްﷲ ދިވެހިންނަށް ދެއްވާފައިވާފަދަ ބޮޑު ނިއުމަތެއް އެހެން އެއްވެސް ބަޔަކަށް ދެއްވާފައިނުވާ ކަމަށެވެ.

"ގައުމެއް އެއްބައެއް ކުރުވާނެ ހުރިހާ ރުކުންތަކެއް މާތްﷲ ވަނީ އަޅުގަނޑުމެންނަށް ރަހުމަތެއްގެ ގޮތުގައި ލައްވާފަ. މީހުން ބައިބައި ކުރުވާނެ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ތެރެއިން ވަނީ ދުރުކުރައްވާފަ. ޝުކުރުވެރިކަމާ އެކު އަޅުގަނޑުމެން އެކަންކަން ބަލައިގަންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދިވެހިންނަކީ އެއް ދީނަކަށް ތަބާވާ ބައެއް ކަމަށާއި ދިވެހިންގެ ތެރޭ ތަފާތު މަޒްހަބުތައް ނެތް ކަމަށެވެ. އަދި ދިވެހިން ވާހަކަ ދައްކަނީ އެއް ބަހަކުން ކަމަށާއި ދިވެހިންނަކީ އެއް ނަސްލެއްގެ އެއް ސަގާފަތެއްގެ ވެރި ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި ގައުމުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމުގެ އަސަރުތައް ދިވެހި ބިމުން ފެންނަން ފަށާފައިވާ ކަމަށާއި ދީނީީ، އިޖްތިމާއީ އަދި ސިޔާސީ ބައިބައިވުން ދިވެހިންގެ ތެރެއިން ފެންނަން ފަށާފައިވާ ކަމަށެވެ. އަދި ހައްދުފަހަނަ އަޅައިދިއުމުގެ މަންޒަރުވެސް ފެންނަން ފަށާފައިވާ ކަމަށާއި އެކަންކަމަށް މިއަދު ހައްލު ހޯދަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ މަންސޫރު އިތުރަށް ވިދާޅުވީ އެހެން ދީންތަކަށް ދިވެހިންގެ ތެރޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ މުސްތަގްބަލަށް ބަލާއިރު ގެއްލުން ހުރި ކަމެއް ކަމަށެވެ.

"ބޮޑެތިވަމުން އަންނަ ކުދިންނަށް ދަސްކޮށްދެންވީ އިސްލާމް ދީނާ ދިވެހި ގައުމުދެކެ ލޯބިވަން. ދިވެހި ބަހަށް ލޯބިކުރަން ވެސް އަދުގެ ކުޑަކުދިންނަށް ދަސްކޮށްދޭން ޖެހޭ. އަދި އެކުދިންނަށް ފަޚުރުވެރިކަމާ އެކު ގައުމުގައި އުޅެވޭނެ ގޮތް ފަހިކޮށްދިނުމަކީ އަދުގެ ބޮޑެތިމީހުންގެ ޒިންމާއެއް،" އޭނާ ވިދާޅުވި އެވެ.

ސިފައިންގެ ހިދުމަތުގައި ތިބޭ ފަރާތްތަކަކީ ގައުމަށް ހިދުމަތްކޮށް ގައުމުގެ އިސްތިގްލާލު ދެމެހެއްޓުމަށް ތިބޭ ބައެއް ކަމަށާއި ސިފައިން ތިބެން ޖެހޭނީ ތެދުވެރިކަމާ އެކު ވެރިންނަށް ކިޔަމަންވެ ގައުމު ދިފާއުކުރުމަށް ކަމަށްވެސް ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.

ސިފައިންނާ ދިމާއަށް ރައްޔިތުން އިނގިލި ދިއްކުރި ނަމަވެސް ދިވެހިންނަކީ އަސްކަރިއްޔާ އިން ކުރާ މަސައްކަތް ބަލައިގަންނަ ބައެއް ކަމަށް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.