03 Nov 2017, 22:38
ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ހޮޓެލް ގްރޫޕް ތަކުގެ ތެރޭގައި ހިމެނޭ ކާލްސަން ރެޒިޑޯ ހޮޓެލް ގްރޫޕުގެ ރިސޯޓެއް އދ. އަތޮޅުގައި ހުޅުވަން ނިންމައިފި އެވެ.
ދުނިޔޭގެ 115 ގައުމެއްގައި 1440 އަށްވުރެ ގިނަ ހޮޓެލް ހިންގަމުން އަންނަ ކާލްސަން ރެޒިޑޯރ ހޮޓެލް ގްރޫޕުން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ މާކެޓަށް ނުކުތުމަށް މަސައްކަތް ކޮށްފަ އެވެ.
އެގޮތުން އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކުރަމުން ދިޔަ، ނަމަވެސް ފަހުން ވިއްކާލަން ނިންމި 250 އެނދުގެ ޓޫރިސްޓު ހޮޓާ ހިންގުމަށް ހަމަޖެހިފައި އޮތީ ރެޑިސަން ހޮޓެލް މޯލްޑިވްސްގެ ނަމުގައެވެ. އަދި ދަ ރެޑިސަން ޕްލާޒާ ރިސޯޓް މޯލްޑިވްސްގެ ނަމުގައި ނާގޮށީ ވެސް އެ ކުންފުނިން ރިސޯޓެއް ތަރައްގީ ކުރަން މަސައްކަތް ކުރި އެވެ.
ކާލްސަން ރެޒިޑޯ ހޮޓެލް ގްރޫޕުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ރެޑިސަން ބުލޫ ރިސޯޓް" ގެ ނަމުގައި ތަރައްގީކުރާ އެ ރިސޯޓް ހުޅުވާނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކަމަށެވެ.
އަދި ސީ ޕްލޭނެއްގައި 30 މިނެޓުން ނުވަތަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާމިނގިލި އެއާޕޯޓަށް ދިއުމަށްފަހު ސްޕީޑް ބޯޓެއްގައި 15 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ އެ ރިސޯޓް ހިންގުމަށް ސިންގަޕޫރުގެ ޗަންގް ހުއާ ހޯލްޑިގްސްއާ އެކު އެއްބަސްވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އެ ރިސޯޓް ތަރައްގީކޮށް ހުޅުވަނީ ފަހަކާ ޖެހެންދެން ރަންވެލި އައިލެންޑް ރިސޯޓުގައި ގޮތުގައި ރިސޯޓް ހިންގަމުން އަންނަ ރަންވެލި ރަށުގައެވެ.
ޒަމާނީ ޑިޒައިންތަކާ އެކު ތަރައްގީ ކޮށްފައިވާ ފެމިލީ ވިލާސް އަދި ޕްރިމިއަމް އޯވާވޯޓާ ވިލާއާ އެކު ޖުމްލަ 128 ވިލާ ހިމެނޭ އެ ރިސޯޓުގައި ފަސްޓް ކުލާސް މޫދު ކުޅިވަރާއި ޑައިވް ސެންޓަރެއް ހިމެނެ އެވެ.
"އޭޝިއާ ޕެސިފިކް ސަރަހައްދަށް ކާލްސަން ރެޒިޑޯރ ހޮޓެލް ގްރޫޕު ފުޅާ ކުރަމުންދާ އިރު ރެޑިސަން ބްލޫ ރިސޯޓުގެ ނަމުގައި ރާއްޖޭގައި ރިސޯޓެއް ހުޅުވިގެންދާކަމީ އުފާ ކުރާކަމެއް،" ކާލްސަން ރެޒިޑޯރ ހޮޓެލް ގްރޫޕްސް އިން ނެރުނު ބަޔާނުގައި އެ ކުންފުނިން އޭޝިއާ ޕެސިފިކުގެ ކުރިއަށް ހުޅުވަންހުރި ހާއްސަ ޕްރޮޖެކްޓު ތަކަށް ކަނޑައަޅާފައި ހުންނަވާ ނައިބް ރައީސް ތޯމަސް ހެގްމަން ބުނެފައިވެ އެވެ.
ކާލްސަން ރެޒިޑޯ ހޮޓެލް ގްރޫޕުގެ ދަށުން އޭޝިއާ ޕެސިފިކް ސަރަހައްދުގައި 117 ހޮޓެލެއް ހިންގަމުންދާ އިރު އޭގެ ތެރެއިން 51 ހޮޓެލަކީ ރެޑިސަން ބްލޫ ހޮޓެލްސް ބްރޭންޑުގެ ހޮޓެލް ތަކެވެ.