ސައުދީ އަރަބިއްޔާ އާއި އެމެރިކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ނެގި ޕޯޗުގަލް ގައުމީ ޓީމުގެ ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީ ކޮށްފި އެވެ.

މިސީޒަނުގެ ސްޕެނިޝް ލަލީގާގައި މިހާތަނަށް އެންމެ ލަނޑެއް ކާމިޔާބު ކުރެވިފައިވާ ރެއާލް މެޑްރިޑްގެ ތަރި ރޮނާލްޑޯއާ އެކު ޕޯޗުގަލްގެ ތަޖުރިބާކާރު ދެ ފޯވަޑުން ކަމަށްވާ ރިކާޑޯ ކަރެޝްމާ އާއި ނާނި ވެސް ވަނީ ބާކީ ކޮށްފަ އެވެ.

މޮނާކޯގެ ފޯވަޑް މާކޮސް ލޯޕޭސް ސްކޮޑުގައި ހިމަނާފައި ވާއިރު، ސްކޮޑަށް އަލަށް ނެގި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރެއާލް ސޮސިއެޑާޑްގެ ކެވިން ރޮޑްރިގޭޒާއި، ލިލްގެ އެޑްގާ ލެ އަދި ބްރާގާގެ ރިކާޑޯ ޕެރޭރާ އެވެ. ވުލްވްސްގެ ރުބެން ނެވޭސް އަދި ޔޫރޯ 2016ގެ ތަރި އެޑާ އަށް ވެސް ވަނީ ކޯޗު ފެނާންޑޯ ސަންޓޯސް ނެގި ސްކޮޑުން ޖާގަ ދީފަ އެވެ.

"އަހަރެމެން ޓެސްޓް ކުރަން ޖެހޭ ގްރޫޕަކަށް މިފަހަރު މި ޖާގަ ދިނީ. މިއީ ރަނގަޅު މެޗުތަކެއް. އެހެން ބައްރު ތަކުގެ ގައުމުތަކާ ދެކޮޅަށް ކުޅެން އާންމުކޮށް ފުރުސަތު ނުލިބޭނެ. ސްކޮޑަށް އަބަދުވެސް ބަދަލު އަންނާނެ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުންޏެވެ.

ޕޯޗުގަލް ގައުމީ ސްކޮޑު:

ގޯލްކީޕަރުން - ބެޓޯ (ގޮޒްޓެޕޭ)، އެންތޮނީ ލޯޕޭސް (ލިޔޯން)، ހޯސޭ ސާ (ޕޯޓޯ).

ޑިފެންޑަރުން - ނެލްސަން ސެމޭޑޯ (ބާސެލޯނާ)، ކެވިން ރޮޑްރިގޭސް (ރެއާލް ސޮސިއެޑާޑް)، ޕެޕޭ (ބެސިކްޓާސް)، ލުއިސް ނޭޓޯ (ފެނަބާޗޭ)، ރިކާޑޯ ފެރޭރާ (ބްރާގާ)، އެޑްގާ ލޭ (ލިލް)، ރިކާޑޯ ޕެރޭރާ (ބްރާގާ)، ޖޮއާއޯ ކަންސެލޯ (އިންޓަ މިލާން).

މިޑްފީލްޑަރުން - ޑެނީލޯ (ޕޯޓޯ)، ރުވެން ނެވޭސް (ވުލްވްސް)، ޖޮއާއޯ މާރިއޯ (އިންޓަ މިލާން)، މެނުއެލް ފެނާންޑޭސް (ލޮކޮމޯޓިވް މޮސްކޯ)، ބްރޫނޯ ފެނާންޑޭސް (ސްޕޯޓިން)، ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ).

ފޯވަޑުން - މާކޮސް ލޯޕޭސް (މޮނާކޯ)، ގެލްސަން މާޓިންސް (ސްޕޯޓިން)، ބްރޫމާ (އާރްބީ ލެއިޕްޒިގް)، ގޮންކާލޯ ގުއޭޑޭސް (ވެލެންސިއާ)، އަންދްރޭ ސިލްވާ (އޭސީ މިލާން)، އެޑާ (ލިލް).