04 Nov 2017, 09:35
އުފާވެރިި ކަމެއް ދިމާވުމުން އެންމެ ފުރަތަމަވެސް ތުންފަތަށް ވެރިވަނީ ހިނިތުން ވުމެއް ދޯ އެވެ. ހިނިތުން ވުމަކީ މީހާ އުފާވެފައި ހުރިކަން ހާމަކޮށްދޭ ކަމެކެވެ. އުފާވެރި ހަބަރެއް ލިބުނު ނަމަވެސް، ތިމާ ހިތްއެދޭ ކަމެއް ދިމާވި ނަމަވެސް އެންމެ ފުރަތަމަ ކުރެވޭ ކަމަކީ ހިނިތުން ވެލުން ދޯ އެވެ. ހިނިތުން ވުމަކީ ސަދަގާތެކެވެ. އޭގައި ސިއްހީ ފައިދާތައް ވެސް ހިމެނޭ ކަމަށް ވެ އެވެ.
ކައިރީ ތިބޭ މީހުންގެ މޫޑްވެސް ބަދަލުކޮށްލާ:އެކަކު ހިނިތުން ވެލައިފި ނަމަ އޭނާ ކައިރީ ދެންތިބި މީހުންނަށް ވެސް އުފާވެރިކަން އިހްސާސްވެ އެވެ. މިއީ އެހެން މީހުންގެ މޫޑްވެސް އުފާވެރި ކޮށްލާ، ދެން ތިބޭ މީހުންނާ ގުޅުން ބަދަހިކޮށްދޭ ކަމެއް ވެސް މެ އެވެ.
ސްޓްރެސްއާ ދުރުކޮށްދޭ:ސްޓްރެސް ވެފައި ހުންނަ ހިނދު ހިނިތުން ވުމެއް ގެނެވޭތޯ މަސައްކަތް ކުރާށެވެ. މޫނު މަތިން ތާޒާކަން ފެންނާނެ އެވެ. އަދި މީހާގެ މޫޑް ހަމައަކަށް އަޅުވާލާނެ އެވެ. މީގެ އިތުރުން ސްޓްރެސްއާ ދެކޮޅަށް މަސައްކަތް ކުރާ މޮލެކިއުލްތައް މަސައްކަތް ކުރަން ފަށައި، މީހާ ހަމައަކަށް އަޅުވާލާނެ އެވެ.
ސްލަޑް ޕްރެޝާ ދަށްކޮށް ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ:ހިނިތުން ވުމުން ހަށިގަނޑު ރިލެކްސްވެ، ލޭގެ ޕްރެޝަރު ދަށްވާނެ އެވެ. މީގެ އިތުރުން ހީލުމުން ހަށިގަނޑުގައި ވައިޓް ބްލަޑް ސެލްސް އުފައްދާނެ ކަމަށާއި، މިއީ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާ އެއްޗެއް ކަމަށް މާހިރުން ބުނެ އެވެ.
މޫނު ޒުވާންކަން މަތީ ހުންނާނެ:ޖަރުމަނުވިލާތުން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބުނާގޮތުން ހިނިތުން ވުމަކީ މީހާގެ ރީތި ސިފަ އެހެން މީހުންނަށް ދައްކައިދޭ ކަމެއްގެ އިތުރުން ޒުވާންކަން މަތީ ދެމިހުރުމަށް ވެސް އެހީއެކެވެ. ހަންގަނޑުގައި ރޫޖެހުމުން ދުރު ވުމަށް އުނގުޅާ ކްރީމްތައް ދޫކޮށްލައި، އަބަދުވެސް ހިނިތުން ވެގެން ހުރެވޭތޯ ބަލާށެވެ.