03 Aug 2011, 21:52
ޤާހިރާ (އޮގަސްޓް 3) : މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ޝަރީޢަތް ޤާހިރާގެ ފުލުހުންގެ އެކަޑަމީގައި މިއަދު ފެށުމަށް ފަހު ދެންއޮންނަ ޝަރީޢަތުގެ މަޖިލިސް މި އޮގަސްޓް މަހުގެ 15 ދުވަހަށް ފަސްކުރުމަށް ޤާޒީ ނިންމައިފި އެވެ.
ޤާހިރާގެ ޖިނާއީ ކޯޓުގައި ޤާޒީ މުސްތަޝާރު އަޙްމަދު ރިފްޢަތު ވިދާޅުވީ އޮގަސްޓް 15ގައި މުބާރަކްގެ ޝަރީއަތް އަލުން ފެށެންދެން ޤާހިރާގެ ބައިނަލްއަޤްވާމީ މެޑިކަލް ސެންޓަރުގައި ފުލުހުންގެ ބެލުމުގެ ދަށުގައި މުބާރަކް ބޭއްވުމަށް ނިންމެވި ކަމުގަ އެވެ. މުބާރަކާ އެކު ޝަރީޢަތް ކުރެވޭ އޭނާގެ ދެދަރިން ކަމަށްވާ ޢަލާ މުބާރަކާއި ޖަމާލް މުބާރަކް، އޮގަސްޓް 15 އާ ޖެހެންދެން ޖަލުގައި ބޭތިއްބުމަށް ވެސް ޤާޒީ ނިންމެވި އެވެ.
މުބާރަކް ޝަރީއަތުގެ މަޖިލީހަށް ޙާޒިރު ކުރެވުނީ ބަލިއެނދުގައި ބާއްވައިގެންނެވެ. ޝަރްމުއްޝައިޚްގެ ހޮސްޕިޓަލަކުން މުބާރަކް ޤާހިރާއަށް ގެނެވުނީ ޕްރައިވެޓް ޖެޓް މަތިންދާބޯޓެއްގަ އެވެ. މުބާރަކްގެ ދެދަރިން ޝަރީއަތުގެ މަޖިލީހަށް ޙާޒިރުކުރީ ޖަލުހެދުމުގަ އެވެ.
މުބާރަކްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި އޭނާގެ ވެރިކަމާ ދެކޮޅަށް ތެދުވި މިސްރުގެ ރައްޔިތުންގެ ތެރެއިން 850 އަށްވުރެ ގިނަމީހުން މެރުމާއި މިސްރު ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި ބޭކާރު ގޮތުގައި ދައުލަތުގެ ފައިސާ އިސްރާފް ކުރުމާއި މިސްރު ރައްޔިތުންގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އިސްރާއީލަށް އަގުހެޔޮކޮށް މިސްރުގެ ގޭސް ވިއްކުން ހިމެނެ އެވެ. މިތުހުމަތު ސާބިތުވެއްޖެ ނަމަ ދަންޖައްސައި މެރުމުގެ ޙުކުމެއް މުބާރަކްގެ މައްޗަށް އަންނާނެކަމަށް ބެލެވިފައިވެ އެވެ.
މުބާރަކާއި އޭނާގެ ދަރިންގެ ޝަރީޢަތް ފަސްކުރެވުނު ނަމަވެސް އޭނާގެ ދުވަސްވަރުގެ ދާޚިލީ ވަޒީރު ހަބީބުލްޢާދިލީގެ ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ޤާޒީ ނިންމެވި އެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި މުބާރަކް, އޭނާގެ މައްޗަށް ކުރެވިފައިވާ ހުރިހާ ތުހުމަތު ތަކަށް އިންކާރު ކުރެއްވި އެވެ. މުބާރަކް އޭނާގެ ނަސްފު ދިފާޢު ކުރައްވައި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވާފައި ވަނީ ބަލިއެނދުގައި އޮންނަވައިގެންނެވެ. ވާހަކަ ދެއްކެވިއިރު އޭނާގެ އަޑުހުރީ ތުރުތުރަކާއެކުގައި ކަމަށް މުރާސިލުން ސިފަކުރެ އެވެ. (އަލްޖަޒީރާ)