ތައުލީމީ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރެވިފައިވާ ދެކުނު އޭޝިއާ ސަރަހައްދުގެ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ ކަމަށް ވޯލްޑް އިކޮނޮމިކް ފޯރަމް އިން އަހަރަކު އެއް ފަހަރު ނެރޭ ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓްގެ މި އަހަރުގެ ރިޕޯޓްގައި ބުނެފި އެވެ.

ޕްރައިމަރީ އެޑިއުކޭޝަން އަދި މަތީ ތައުލީމުގެ މަރުހަލާގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ހަރަކާތްތެރިވާ މިންވަރު، ހަމަހަމަ ކަމަށް މި ރިޕޯޓްގައި ބުނެފައި ވެއެވެ. ކޮންމެ ދާއިރާ އަކުން ތައުލީމް ހާސިލްކުރި ނަމަވެސް އަންހެނުންނަށާއި ފިރިހެނުންނަށް، ރާއްޖޭގައި ހަމަހަމަ ފުރުސަތު ތަކެއް ލިބިދޭ ކަމަށް ގްލޯބަލް ޖެންޑާ ގެޕް ރިޕޯޓް 2017 ގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ލިޔަން ކިޔަން ދަތުމުގެ މިންވަރުވެސް އުޅެނީ ދެ ޖިންސުގެ ދެމެދުގައި ހަމަހަމަކޮށް ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައި ވަނީ ސިޔާސީ އަދި އިގްތިސާދީ ދާއިރާގައި އަންހެނުންގެ ދައުރު ރާއްޖޭގައި ފުޅާވަމުން އަންނަ ކަމަށެވެ. މި ދާއިރާތަކުގައި އަންހެނުންނަށް ފުރުސަތު ލިބެމުން އަންނަކަން ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އަންހެނުންނަށާއި ފިރިހެނުންނަށްވެސް ވަޒީފާގެ ފުރުސަތުތައް އެބަހުރި ކަމަށާއި ނަމަވެސް ވަޒީފާއެއް ހޯދަން އުޅެ ވަޒީފާ ނުލިބި ތިބި އަންހެނުންގެ ނިސްބަތް 69.1 އިންސައްތަ އަށް އަރާ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ. ވަޒީފާއެއް ހޯދަން އުޅެ، ނަމަވެސް ވަޒީފާއެއް ނުލިބި ތިބި ފިރިހެނުންގެ ނިސްބަތް އުޅެނީ 30.9 އިންސައްތައިގައި ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ޒުވާނުންގެ ތެރެއިން ވަޒީފާ އަދާ ނުކުރާ ނުވަތަ މަތީ ތައުލީމު ހާސިލް ނުކުރާ އަންހެނުންގެ ނިސްބަތް 77.4 އިންސައްތަ އަށް އަރާ ކަމަށާއި ވަޒީފާ އަދާ ނުކުރާ ނުވަތަ މަތީ ތައުލީމު ހާސިލް ނުކުރާ ޒުވާން ފިރިހެނުންގެ ނިސްބަތް 32.9 އިންސައްތަ އަށް އަރާކަމަށްވެސް ގްލޯބަލް ޖެންޑާ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.

ރާއްޖެ އުޅެނީ މި ސަރަހައްދުގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ތެރެއިން ދެ ވަނައިގަ އެވެ. މި ލިސްޓުގެ އެއް ވަނަ ލިބެނީ ބަނގްލަދޭޝް އަށެވެ.

ގްލޯބަލް ޖެންޑާ ރިޕޯޓަކީ ހަތަރު ދާއިރާ އަކުން މިންތީގެ ތަފާތުކަން ހުރި މިންވަރު ފާހަގަކޮށް އަހަރަކު އެއް ފަހަރު ނެރޭ ރިޕޯޓެކެވެ. އެގޮތުން 144 ގައުމެއްގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ސިޔާސީ ދާއިރާ އާއި އިގްތިސާދީ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރެވިފައިވާ މިންވަރު މި ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.