03 Nov 2017, 18:24
ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުތަކުގެ ތެރޭގައި ހިމެނޭ ނަވަލޯކާ ހޮސްޕިޓަލާ ގުޅިގެން ސްރީލަންކަން އެއާލައިންސް އިން އައްޑޫގައި މެޑިކަލް ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
ބޭސް ފަރުވާއަށް ދިވެހިން ގިނަ އަދަދަކަށް ގޮސް އުޅޭ ނަވަލޯކާ ހޮސްޕިޓަލާ ގުޅިގެން ބާއްވާ އެ މެޑިކަލް ކޭމްޕު އޮންނާނީ މިމަހުގެ 13 އިން 15 އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގަ އެވެ.
ސްރީލަންކަން އެއާލައިންސް އިން ބުނީ، އައްޑޫގެ އިތުރުން ފުވައްމުލައް، ގއ. އަދި ގދ. ގެ ރައްޔިތުންނަށް ވެސް ހުޅުވާލެވިފައިވާ އެ ކޭމްޕުގައި ނަވަލޯކާ ހޮސްޕިޓަލްގެ ސްޕެޝަލައިޒް ހަތަރު ޑޮކްޓަރަކަށް ހިލޭ ދެއްކޭނެ ކަމަށެވެ.
އެގޮތުން، ކޭމްޕުގައި ޔޫރޮލޮޖީ/ ކިޑްނީ ޓްރާންސްޕުލާންޓު، ނިއުރޮލޮޖީ، ގައިނެކޮލޮޖީ އަދި އީއެންޓީގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާއިރު، އެޕޮއިންޓްމަންޓު ހެއްދުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެޕޮއިންޓްމަންޓު ހެދުމަށް ގުޅާނެ ނަންބަރަކީ 6888672 އެވެ.
މިއީ ރާއްޖެއަށް މިވަގުތު އެންމެ ގިނަ ދަތުރުތައް ކުރަމުން އަންނަ ސްރީލަންކަން އެއާލައިންސް އިން އިސްނަގައިގެން ރާއްޖޭގައި މެޑިކަލް ކޭމްޕެއް ބާއްވާ ފުރަތަމަ ފަހަރެވެ.