03 Nov 2017, 19:57
ޔާޝްރާޖް ފިލްމްސްގެ ކާމިޔާބު ފްރެންޗައިސް ސީކުއެލް ދޫމްގެ ހަތަރު ވަނަ ބައިން ބޮލީވުޑްގެ ސުޕަސްޓާރު ޝާހުރުކް ޚާން ފެނިދާނެތޯ މިއީ މިހާރު ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލެކެވެ.
އިއްޔެ 52 ވަނަ އުފަންދުވަސް ފާހަގަކުރި ޝާހު ވަނީ މި ސުވާލުތަކުގެ ޖަވާބު ދީފަ އެވެ. ފަހަރުގައި ދޫމް ސީކުއެލް އިން ޝާހު ފެންނަން އެދޭ މީހުންނަށް މިއީ އެންމެ ހިތްހަމަ ޖެހޭ ޖަވާބަކަށް ނުވެދާނެ އެވެ.
ދޫމް އިން ފެނިދާނެތޯ ކުރެވޭ ސުވާލަށް ޝާހު ދިން ޖަވާބުގައި އޭނާ ބުނީ "މިވަގުތު އެއްވެސް ފިލްމަކަށް ސޮއި ކޮށްފައެއް ނެތް،" ކަމަށެވެ. ޝާހު ބުނީ މިހާރު ބޭނުން ވަނީ އޭނާ ކުޅެމުން އަންނަ އާނަންްދް އެލް ރާއީގެ ފިލްމުގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ. ޔަޝް ރާޖް ފިލްމްސްގެ ފަރާތުން އަދި އެއްވެސް އޮފާއެއް އައިސްފައި ނެތް ކަމަށްވެސް ޝާހު ވަނީ ބުނެފަ އެވެ.
"ޔަޝް ރާޖް ފިލްމްސްގެ ފަރާތުން އަދި އެއްވެސް އޮފާއެއް ނާދޭ. އެކަމަކު އަދިތްޔާ ޗޯޕްރާ، ކަރަން ޖޯހަރް އަދި އެހެން ޑައިރެކްޓަރުން ކައިރީވެސް އަހަރެން ބުނެފިން ޑިސެމްބަރުގެ ކުރިން އެއްވެސް ފިލްމަކަށް ސޮއި ނުކުރާނެ ވާހަކަ. އެމީހުން އެއީ ގާތް އެކުވެރިން ވީމަ އަންޑަސްޓޭންޑްވެސް ވާނެ،" އޭނާ ބުންޏެވެ.
ޝާހު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޖަމް ހެރީ މެޓް ސޭޖަލް އިންނެވެ. މިހާރު އޭނާ މަސައްކަތް ކުރަމުން އަންނަނީ އާނަންދް އެލް ރާއީގެ ފިލްމެއްގައެވެ. މި ފިލްމުގައި ޝާހު ކުޅެނީ ޑުވާފެއްގެ ރޯލެވެ. މި ފިލްމުގައި އޭނާއާ އެކު ކެޓްރީނާ އާއި އަނުޝްކާ ޝަރުމާވެސް ފެނިގެންދާނެ އެވެ.