ނަޞްރާއި ކާމިޔާބު ލިބޭނީ ﷲގެ ދީނަށް ނަޞްރު ދީގެން ކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ބުނެފި އެވެ.

ހުކުރު ޚުތުބާގައި މިއަދު ބުނެފައި ވަނީ ﷲއަށް ނަޞްރު ދިނުމަކީ އެކަލާންގެ ދީން ޤާއިމްކޮށް އިސްލާމީ ޝަރީއަތް ތަންފީޒުކުރުން ކަމަށެވެ.

އިސްލާމް ދީނާ ދެކޮޅު ޣައިރު މުސްލިމުން އިސްލާމުންގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އެޅުވި ނަމަވެސް އެކަމާ މެދު ދެރަވާން ނުޖެހޭ ކަން ފާހަގަކޮށް ޚުތުބާގައި ބުނީ ނަޞްރު ނުލިބި، ނާކާމިޔާބީއާ ކުރިމަތިލާން ޖެހެނީ ﷲގެ ދީން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ.

"ނަޞްރު ލިބޭނީ ކަންތައްތަކެއްގެ ތެރެއިން ލާފައި. އޭގެ ތެރޭގައި ޤަބޫލުކުރާ ހަރުދަނާ އުޞޫލެއްގެ މަތީގައި ސާބިތުވެ ތިބުންވެއެވެ. މުސްލިމުންނަށް ބަލާއިރު މިއީ އީމާންކަމާއި ދީނުގެ ޢަޤީދާއެވެ. މި އުޞޫލުތަކުގައި ފަރުވާ ކުޑަ ނުކުރުމަށް މާތް ﷲ މުސްލިމުންނަށް ވަނީ އަމުރުކުރައްވާފައި،" ހުތުބާގައި އިމާމް ބުންޏެވެ.

މާތް ﷲ އިންސާނުން ދުނިޔެއަށް ފޮނުއްވީ އެކަލާންގެ އަށް އަޅުކަން ޚާލިޞްކުރުމަށާއި ދުނިޔެ އާރާސްތުކޮށް ތަރައްޤީ ކުރުމަށް ކަން ހަނދާންކޮށްދީ ޚުތުބާގައި ބުނެފައި ވަނީ ދުނިޔެ އިސްލާހުގެ މަގުން ހިންގުމަކީ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އަދި ޙައްޤަށް ނަޞްރު ދިނުމުގައި މުއިމިނުންގެ ދައުރެއްވާ ކަމަށް މާތް ﷲ އަންގަވާފައިވާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

"ދުޝްމަނުންގެ މައްޗަށް ނަޞްރު ހޯދޭނީ ސަބަބުތަކުގައި ހިފަހައްޓައިގެންނެވެ. މުސްލިމުންނަށް މާތްﷲ ނަޞްރު ދެއްވާނެކަން ޤަބޫލުކޮށް އެކަމަށްޓަކައި މާތްﷲއަށް ދުޢާކޮށް ވަކީލުކޮށްގެންނެވެ،" ހުތުބާގައި ބުނެފައިވެ އެވެ.