03 Nov 2017, 11:56
ވޮޝިންޓަން (ނޮވެމްބަރު 3): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓާއެކައުންޓް އިއްޔެ ކުޑަ އިރުކޮޅަކަށް ގެއްލުނީ އެ ކުންފުނީގެ މުވައްޒަފަކު ޓްރަމްޕްގެ އެކައުންޓް ޑީއެކްޓިވޭޓް ކުރުމުން ކަމަށް ޓުވިޓާއިން ބުނެފި އެވެ.
ޓުވިޓާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ޓްރަމްޕްގެ އެކައުންޓް ޑީއެކްޓިވޭޓް ކުރިތާ 11 މިނިޓު ފަހުން އެ ކުންފުނިން ވަނީ އެއެކައުންޓް އަނެއްކާވެސް އެކްޓިވޭޓްކޮށްފަ އެވެ. އަދި ޓުވިޓާއިން ދަނީ އެފަދަ ހާދިސާއެއް މުސްތަގުބަލުގައި ނުހިނގާނެ ކަން ޔަގީން ކުރުމަށްޓަކައި އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޓުވިޓާއިން ވަނީ ޓްރަމްޕްގެ އެކައުންޓް ޑީއެކްޓިވޭޓް ކުރީ އެ ކުންފުނީގެ މުވައްޒަފަކު، އޭނާ އެ ކުންފުނީގައި މަސައްކަތް ކުރި އެންމެ ފަހު ދުވަހު ކަމަށް ބުނެފަ އެވެ.
ދެހާސްނުވަ ވަނަ އަހަރު ޓުވިޓާ ބޭނުން ކުރައްވަން ފެއްޓެވި ޓްރަމްޕަކީ ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ވެސް އޭނާގެ ސިޔާސަތުތައް ޕްރޮމޯޓު ކުރެއްވުމަށާއި، އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވުމަށް އާއްމު ގޮތެއްގައި ޓުވިޓާ ބޭނުން ކުރައްވާ ފަރާތެކެވެ. ނަމަވެސް އިއްޔެ ހިނގި ހާދިސާއާ ބެހޭ ގޮތުން ޓްރަމްޕް ވަކި އެއްޗެކޭ ވިދާޅުވެފައި ނުވެ އެވެ. (ބީބީސީ)