03 Aug 2011, 16:50
އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށިއިރު އަމަލުކުރަމުން ދިޔަ ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް ހެދެންދެން، އެ ގަވާއިދުތަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް 2008 ވަނަ އަހަރު އެކުލަވައިލި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތަށް ހަ މަސް ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން، އެއް އަހަރު ދުވަހަށް މުއްދަތު އިތުރު ކޮށްދިނުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ހަ މަސް ދުވަހަށް މުއްދަތު އިތުރު ކުރުމަށް ފާސްކޮށްފައި ވަނީ، އެ މުއްދަތުގެ ތެރޭގައި ކަމާ ބެހޭ ބިލުތައް ތައްޔާރުވެ، ގާނޫނުތަކަށް ބަދަލުވާ މިންވަރު މަޖިލީހުގެ ގަވާއިދު ކޮމިޓީން ބަލައި މަޖިލީހަށް އެންގުމަށް ޝަރުތު ކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 37 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް 13 މެންބަރަކު ވޯޓު ދެއްވި އެވެ.
މި މައްސަލައިގެ ބަހުސް ކުރިއަށް ގެންދިޔައިރު ބައެއް މެންބަރުން ވިދާޅުވީ، އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނަށް އަމަލު ކުރުމުގެ މުއްދަތު މާދަމާއަށް ހަމަވާއިރު ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި އެ ގާނޫނުގައި ބުނެފައިވާ ގާނޫނުތައް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ އެތައް ހައްގުތަކެއް ނުލިބިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މާމިގިލީ މެންބަރު މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ބާތިލް ކުރަން ޖެހޭ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ރައީސް ނަޝީދަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެތައް އުޒުރުތަކެއް ދެއްކެވުމަށް ފަހު އެ ގާނޫނުތައް ތަސްދީގު ނުކުރައްވައި މަޖިލީހަށް އަލުން ފޮނުއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މައްސަލައިގައި ބާތިލް ކުރަން ޖެހޭ ގާނޫނުތައް ރައީސަށް ވަނީ ފޮނުވައިފައި. ނަމަވެސް ރައީސް ތަސްދީގު ނުކުރައްވައި އަލުން ވަނީ މަޖިލީހަށް ފޮނުވާފައި. ރައްޔިތުންނަށް ގެއްލިފައިވާ ހައްގުތަކެއް ހޯދައި ދިނުމަށް މުއްދަތުތަކެއް ކަނޑައަޅާފައިވާ ގާނޫނުތަކެއް. މީގެ ފޮނިމީރުކަން ނުލިބި ރައްޔިތުން ކިހާ ދުވަހަކުތޯ ބައިތިއްބާނީ. އަޅުގަނޑަށް ހީވަނީ މިއީ ކުޅޭ ބޯޅައެއްހެން،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
އަނެއްބައި މެންބަރުން ވިދާޅުވީ ގާނޫނުތައް ނެތިގެން ކަންކަން ނުކުރެވޭ ވާހަކަ ފުލުހުންނާއި އެހެން ބައެއް ފަރާތްތަކުން ދައްކާ އިރު، އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނުން، ކުރިން އަމަލު ކުރަމުންދިޔަ ގަވާއިދުތަކާއި ގާނޫނުތަކަށް އަމަލް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އަގު ވައްޓާލުމަށް އެފަދަ ވާހަކަތައް ނުދެއްކެވުމަށް ވެސް އެ މެންބަރުން އެދިވަޑައިގެންނެވި އެވެ.
ދެ އަހަރުގެ މުއްދަތަށް މަޖިލީހުން ފާސްކުރި 80 އަށް ވުރެ ގިނަ ގަވާއިދު ހިމެނޭ އެ ގާނޫނުގެ މުއްދަތު އެންމެ ފުރަތަމަ ހަމަވީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހަށެވެ. އެ މުއްދަތު ހަމަވި އިރު ވެސް ގާނޫނުތައް ނުހެދި ހުރުމުން، އެ ގާނޫނުގެ މުއްދަތަށް މިދިޔަ އަހަރު އިތުރުކޮށްދިން އަހަރު ދުވަހުގެ މުއްދަތު މި މަހު ފަސް ވަނަ ދުވަހަށް ހަވާނެ އެވެ. އެހެންކަމުން މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ މި ހަފްތާގެ ފަހު ޖަލްސާކަމުން ޖަލްސާ ކުރިއަށް ގެންދަވާފައި ވަނީ އެޖެންޑާއަށް ބަދަލު ގެނަސް އެ މައްސަލަ ނިންމުމަށް ޓާގެޓް ކުރައްވައިގެންނެވެ.