މާލޭގެ ކޮއިމަލާ ހިނގުމުން ރުމާލު 2 ޖަގަހަ ސަރަހައްދުގެ މަގުގައި ވަޅުގަނޑެއް ހެދިއްޖެއެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިންގޮތުގައި ރޭ 10:00 އެހައިކަންހާއިރު އެ ވަޅުގަނޑު ފެނުމުން ފުލުހުންނަށް ވަނީ އެކަން ރިޕޯޓްކޮށްފައެވެ.

ކޮއިމަލާ ހިނގުމުގައި ހުރި ވަޅުގަނޑު ފާހަގަކުރުމުގެގޮތުން ލަކުޑި ފަތިގަނޑެއް ޖަހާފައި --- ސަން ފޮޓޯ: އަހުމަދު އާޒިފް

އެ ސަރަހައްދަށް "ސަން" ގެ ނޫސްވެރިން ދިޔައިރު، ވަޅުގަނޑު ފާހަގަވާނެހެން ލަކުޑިފަތިގަނޑެއް ޖަހާފައިވެއެވެ. އެ ވަޅުގަނޑު ހުރި ސަރަހައްދުގެ މަގުގެ ގާތަކުގެ އަޑިން ތިން ފޫޓު އަޑިއަށް ވަނީ ވެލިގަނޑު ދަމައިގެންގޮސްފައެވެ.

ވަޅުގަނޑު ހެދިފައިހުރުމުން އެމަގުން ދުއްވާ އެއްޗިއްސަށް އުނދަގޫތަކެއް ކުރުމަތިވެއެވެ. އެ ސަރަހައްދު އޮތީ ބަރު އުޅަނދެން ދުއްވާފައި ގޮސްފިނަމަ ގަންބައިގެންދާނެފަދަ ގޮތަކަށެވެ.

ފުލުހުން ކޮއިމަލާ ހިނގުމުގައި ހުރި ވަޅުގަނޑު ބަލައިލަނީ --- ސަން ފޮޓޯ: އަހުމަދު އާޒިފް

މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވާ ފުލުހުން ވެސް ވަނީ ގޮސް އެ ސަރަހައްދު ހުރިގޮތް ބަލާފައެވެ.

"އަޅުގަނޑުމެން ފުލުހުންނާ ސުވާލުކުރުމުން ބުނީ އަންގަންޖެހޭ ފަރާތްތަކަށް ވާނީ އެކަން އަންގާފައި ކަމަށް،" ފުލުހުން ދިޔައިރު އެ ސަރަހައްދުގައި ހުރި މީހަކު ކިޔައިދިނެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީ އާއި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.