ދ. ބަނޑިދޫ ސްކޫލުގެ މިދިޔަ އަހަރުގެ މޮޅު ދަރިވަރުގެ މަގާމު މުހައްމަދު ނަޔާޒު ހޯދައިފި އެވެ.

ބަނޑިދޫ ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި އެ ދަރިވަރަށް ވަނީ އިނާމާއި ޓްރޮފީ ހަވާލުކޮށްފަ އެވެ.

މޮޅު ދަރިވަރުގެ މަގާމަށް ހޮވުނު ނަޔާޒަށް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، ސަން ފައުންޑޭޝަންގެ ބާނީ އަހްމަދު ސިޔާމް މުހައްމަދެވެ.

މޮޅު ދަރިވަރުގެ މަގާމު ނަޔާޒު ހާސިލް ކުރި އިރު، އޭނާއަކީ މިދިޔަ އަހަރު އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.

މޮޅު ދަރިވަރުގެ މަގާމު ހާސިލް ކުރި ދަރިވަރަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އަދި ސަން ފައުންޑޭޝަނުން ވެސް ވަނީ އިނާމު ހުށަހަޅާފަ އެވެ.

އޭގެ އިތުރުން އެ ސްކޫލުގެ މޮޅު ދަރިވަރުގެ މަގާމު ހާސިލް ކުރި ނަޔާޒަށް ބޭނުންވާ ގައުމަކުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވަނީ ވިދާޅުވެފަ އެވެ.

ބަނޑިދޫ ސްކޫލުގައި ރޭ ބޭއްވި އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރޭގެ ޖަލްސާގައި ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ އިތުރުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި ޓީޗަރުންގެ އަގުވަޒަންކޮށްވަނީ އެވޯޑު ދީފަ އެވެ. އޭގެ އިތުރުން ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ވެސް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަމުން، ނަޔާޒް ބުނީ، އޭނާއަށް ކާމިޔާބު ލިބުނީ މަޑުމައިތިރިކަމާ އެކު ކިޔެވުމަށް ކުރި މަސައްކަތުން ކަމަށެވެ. އެހެންކަމުން ހުރިހާ ކިޔަވާ ކުދިންވެެސް ކިޔެވުމާ ގުޅުން ހުރި، ހަރަކާތްތަކުގައި ބައިވެރިވުމަށް ނަޔާޒް ގޮވާލި އެެވެ. އަދި ކިޔެވުމަށް ބުރޫއަރާ ކަންކަމާ ދުރަށް ދިއުމަށް ނަޔާޒް ކިޔަވާ ކުދިންނަށް ނަސޭހަތްތެރިވި އެެވެ.

ބަނޑިދޫ ސްކޫލުގެ މޮޅު ދަރިވަރުގެ މަގާމު ހޯދި ނަޔާޒް ރޭގެ ޖަލްސާގައި ވާހަކަދައްކަނީ -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އޯލެވެލް ފެންވަަރަށް ކިޔަވައިދެމުންދާ ބަނޑިދޫ ސްކޫލުގައި 191 ދަރިވަރަކު ކިޔަވަމުންދެ އެވެ. ސްކޫލުގައި ކިޔަވައިދިނުމުގައި 20 ޓީޗަރަކު ހަރަކާތްތެރިވާއިރު، މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބަނޑިދޫ ސްކޫލުން 13 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް އެ ސްކޫލުން ބުނެ އެވެ.