އާދަމް ހަލީމް 1،500އަށް ވުރެ ގިނަ ޅެމާއި ރައިވަރާއި އަންބާއާ މިނޫން ވެސް އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ ޅެންވެރިކަމާ ގުޅޭ އުފެއްުދުންތައް ވުޖޫދަށް ގެނެސްދީފި އެވެ. އޭނާގެ ސިކުނޑި ނުހިންގާ ދާއިރާއެއް މަދެވެ. ލޯބިގެ ލަވަ ހައްދައެވެ. ދީނީ ޅެން ތަކުން ފެށިގެން މަދަހަތަކަށް އޭނާގެ ހިނގާ ގަލަމުން އިންސާފުކުރިއެވެ.

ނަމަވެސް އާދަމްގެ ގަލަމުން، އޭނާގެ އުފެެއްދުންތެރި ސިކުންޑިން ދޫކޮށްލާފައިވާ ގައުމީ ޅެން ތަކުގެ ތެރެއިން 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާ ގުޅުވައިގެން ހަދާފައިވާ "ޝަހީދުންގެ ޒިކުރާ" އެ ލަވައަކީ ހާއްސަ ލަވައެކެވެ. ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަސް ދިވެހިންނާ ބައްދަލު ކުރާއިރު އެ ލަވައަކީ ދުވަހުގެ ހަނދާންތައް ދިރުވައިދޭ މުހިންމު ލަވައެކެވެ. ދިވެހިންގެ ތެރޭގައި ނަސްރުގެ ދުވަހުގެ ހަގީގީ ރޫހު ދިރުވައިދެނީ އެ ލަވައިންނެވެ.

ކިޔާ ދޫ ތަކުން މިއީ ޝުކުރުވެރި ތަރާނާ

ޝަހީދުންގެ ޒިކުރައިގެ މަތިވެރި ފަސާނާ

ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ

ފިދާކޮށް މި ވަތަނަށްޓަކައި ރޫހު ޖާނާ

އާދަމްްގެ މި ލަވަ ފެށޭ ހިސާބަކީ މިއީއެވެ. މި ކަޑި އަކީ ކޮންމެ ދިވެއްސަކަށް ވެސް މުހިންމު އިހުސާސްތަކެއް ގެނުވައިދޭ ދިވެހިން ފަރިތަ ކަޑިއެކެވެ. ކޮންމެ މީހަކު ވެސް ދަންނަ މިލަވަ ވުޖޫދަށް އައިގޮތް އާދަމް ވަނީ "ސަން"އާ ހިއްސާ ކުރައްވާފަ އެވެ. ތަފްސީލީ ގޮތެއްގައި "ޝަހީދުންގެ ޒިކުރާ" އެ ލަވައާ ގުޅިގެން ދެއްވި ފުރަތަމަ އިންޓަވިއުގައި އޭނާ ވަނީ އެ ލަވައާ ގުޅިގެން ހިތުގައި އުފެދުނު މުހިއްމު ޖަޒުބާތުތައް ބަނޑުން ކޮށްލައްވާފައެވެ. އޭނާގެ ދުލުން އެ ޅެން ވުޖޫދަށް އައު ގޮތް ވަނީ ތަފްސީލުކޮށްދީފަ އެވެ.

"އެއީ މުހުތާރު އަދި ތިއްތިއާ ދެމީހުން ނެރުނު އަލްބަމަކަށް ތައްޔާރު ކުރި ލަވައެއް. 1998 ވަނަ އަހަރު އެ ލަވަ އަޅުގަނޑު ލިޔުނީ. އޭރު އެ ބޭފުޅުން އެދުނީ ނަސްރުގެ ދުވަހާ ގުޅޭ ތަފާތު ލަވައެއް ހަދަން. ލަވަ ހެދީ އެއްވެސް ރާގަކަށް ނޫން. ވަޒަނަކަށް ހެދި ލަވައަކަށް ފަހުން ރާގު ހެދީ،" އުމުރުން 26 އަހަރުގައި "ސޫރަ" އަލަބަމަށް ހެދި ތާރީހީ ލަވަ ވުޖޫދަށް އައި ގޮތް ކިޔާދެމުން އާދަމް ބުނީ މިހެންނެވެ.

އޭނާ އެ ލަވަ ތައްޔާރު ކުރުމަށް ކުރި މަސައްކަތް މިއަދު ވެސް ހަނދާން އެބަ ހުއްޓެވެ. ޖުމްލަ ދެ ގަޑި އިރެއްހާއިރުން ތައްޔާރު ކުރި އެ އަސަރުގަދަ ލަވަ ހަދަން އާދަމަށް ފަސޭހަވީ އޭނާއަކީ ވެސް 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާ ހަމަ ލޮލުން ދެކެފައިވާ މީހަކަށްވާތީ އެވެ. އާދަމް ވަނީ އެ މަންޒަރުތައް ދާދި ގަތުން ދެކެފައެވެ. އެ ދުވަހު ޖެހި ވަޒަންތަކުގެ އަޑާއި ޝަހީދުވި މީހުންގެ ލޭތައް ލޮލަށް ފެނިފައިވުމުން ހުސް ކަރުދާހެއްގެ މައްޗަށް ޅެން ބައިތުތައް އޮއްސާލާކަށް އުނދަގުލެއް ނުވިއެވެ.

ޅެންވެރިއާ އާދަމް ހަލީމް އަދުނާނު ، އޭނާ ހެއްދެވި " ޝަހީދުންގެ ޒިކުރާ" ލަވައާއި ގުޅިގެން ސަން އަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ/ ފަޔާޒް މޫސާ

"އަޅުގަނޑު އެ ދުވަހު އެ ތަޖުރިބާ ކުރިން. ބަޑި ޖެހިތަން ލޮލުން ދެކުނިން. ހުދު އަޅުގަނޑާއި ދިމާއަށް އަމާޒުކޮށް ވަޒަން ފޮނުވާލި. ސަލާމަތްވީ ނަސީބު ރަނގަޅު ކަމުން. އެހެންވެ އުނދަގުލެއް ނުވި ކަޑިތައް އަތުރާލާކަށް،" ވަރަށް ހަގު އުމުރުގައި ޅެން ވެރިކަމުގެ ދާއިރާއަށް ނުކުތް ޅ. ނައިފަރު އާދަމް ކިޔައިދިނެވެ.

ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ލަވަ ކިޔުންތެރިއާ ނައިފަރު ދޮހޮއްކޮއަށް ބޮޑުބޭބެ ވިދާޅުވާ އާދަމްގެ ގަލަމުން އިންސާފު ކުރި އެތައް ބައިވަރު ގައުމީ ލަވަ ހުރި ކަމުގައިވީ ނަމަވެސް އޭނާ ނަސްރުގެ ދުވަހާ ގުޅުވައިގެން ހެދި އެ ލަވަ އެކަންޏެވެ. އެ ލަވަ ލިޔަމުން ދިޔަ އިރުވެސް ފަހުން އެ ލަވައަކީ ނޮވެމްބަރު 3 ވަނަ ދުވަހުގެ "ތީމް" ލަވައަށް ވެދާނެ ކަމަށް އޭނާ އުންމީދެއް ނުކުރެއެވެ. އެ ލަވަ އެހާ މަޝްހޫރު އަދި ދުވަހާ ގުޅޭ އެންމެ " އިންސާފުވެރި ލަވައަށް" ބަދަލްވެގެން ދިޔުމަކީ އޭނާއަށް ވެސް ލިބުނު ހައިރާން ކަމެކެވެ.

"އެ ލަވަ ގާތް ގަނޑަކަށް މިހާރު ތީމް ލަވައަށް ވެފައި މިއޮތީ. ލަވަ އިވޭ ކޮންމެ ފަހަރަކުވެސް އިހުސާސް ވަނީ އަޅުގަނޑަށްވެސް ގައުމަށް ކަމެއް ކޮށްދެވިއްޖެއޭ،"

ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަސް އާދަމްގެ ލަވަ ފަށަމުން ސިފަކޮށްފައި ވަނީ އެއީ ކަޅު އަނދިރި ދުވަހެއްގެ ގޮތުގައެވެ. އެ ދުވަހު ބާޣީން ގައުމު ހިފަން އައީ ދިވެހިންގެ އަދުވުންތަކަކާ އެކު ކަމަށް ސިފަކޮށްފައިވާއިރު، އެކަމަކީ ދިވެހިންގެ ލެއާ ކުޅެލުން ކަމަށް ޅެމުގައި ވަނީ ސިފަކޮށްދީފައެވެ. އަދި އެގޮތަށް ދިވެހިންގެ ލެއާ ކުޅެލުމުން ދިވެހި ދަރިން އެކަމަށް ވަރުގަދަ ރައްދެއްދީ ނަމޫނާ ދެއްކި ކަމަށް ވަނީ ބުނެފައެވެ.

1988 ނޮވެމްބަރު ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ބައިވެރިވި ބައެއް ބާގީން މާލެ ގެންނަނީ--

ޝަހީދުންގެ ގުރުބާނީ އާދަމްގެ ލަވާގައި ސިފަކޮށްފައި ވަނީ އެ މީހުންނަކީ ދިވެެހިންގެ އުންމަތުގެ ހައްގުގައި ހަށި ފޮޅާލާ ނުކުތް ބައެއްގެ ގޮތުގައެވެ. ދިވެހި ދިދަ ހިމާޔަތް ކުރަން ނުކުތް ދިވެހި ދަރިން ޝަހީދުވެގެން ދިޔައީ ދިވެހި ލެއިން ގައުމުގައި ނަންފަވާލާފައި ކަމަށް އޭނާގެ ޅެމުގައި ވަނީ ބުނެދީފައެވެ. ޝަހީދުންގެ އެ ގުރުބާނީ އަކީ ގައުމުގެ ޝަރަފައްޓަކައި ވީ ގުރުބާނީއެއް ކަމަށް ވަނީ ބުނެދީފަ އެވެ. ހުރިހާ ބަސްތަކެއް ވެސް އާދަމް އަތުރާލާފައި ވަނީ ދިވެހި ލޭ ހިނގާ ކޮންމެ މީހެއްގެ ވެސް ހިތައް އަސަރުކުރުވާނެ ފަދަ ގޮތަކަށެވެ.

ޝަހީދުންގެ މަތިވެރިކަން ވެސް އާދަމް ވަނީ ލަވާގައި ބަޔާންކޮށްދީފައެވެ. ތިން މިނިޓުގެ އެ ލަވަ ނިންމަމުން އާދަމް ބުނެފައި ވަނީ ފުރާނައިން ގުރުބާންވި ދަރިންނަކީ މާތް ދަރިން ކަމަށެވެ. އެ ޝަހީދުންނަށް ގައުމު ޝުކުރުގެ ތަހާނީ ވެދުން ކުރަން ޖެހޭނީ ގައުމީ މަލުން، "ފިނިފެންމަލުން" ކަމަށް ވަނީ ބުނެފައެވެ. އަދި ޝަހީދުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އޭނާގެ ޅެން ނިންމާލަމުން ވަނީ ދުއާ ދަންނަވާފައެވެ.

ނެވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއަށް ފަހު ޝަހީދުވި 19 ދިވެހިންގެ ޖަނާޒާގައި ދިވެހި ސިފައިން ބައިވެރިވަނީ --

"ލޯބިގައި ކުރަނީ ދުއާއޭ،" "ނަޔާފަރިވެ ޒީނަތްވީ ނަޔާމަލޭ،" "ދަތުރު ފެށީމޭ ކަމަނަ ލިބޭތޯ،" ފަދަ ރީތި ލޯބީގެ ޅެން ވުޖޫދަށް ގެނެސްފައިވާ ހުނަރުވެރި ޅެން ވެރިއާގެ ފުރަތަމަ ހޮވުމަކީ އަބަދުވެސް "ޝަހީދުންގެ ޒިކުރާ" އެ ލަވަ އެވެ. ގިނަ ބައެެއްގެ ތައުރީފް އެ ލަވަ އަށް ލިބުނު ނަމަވެސް އާދަމް އެންމެ ހިތްހަމަ ޖެހެނީ މިއަދުވެސް ނަސްރުގެ ދުވަހުގެ އުފާފާޅުކުރާއިރު، އޭނާގެ ލަވައިން އެ ދުވަސް ފާހަގަ ކުރާތީއެވެ. ދުވަހާ ގުޅޭ އެންމެ މުހިއްމު ލަވައަށް އެލަވަ ވީތީއެވެ.

"އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ލަވަ ގިނަ ބަޔަކަށް ކަމުދިޔާމަ. ހުދު އަޅުގަނޑުގެ ގައިންވެސް ހީބިހި ނަގައިގެން ދޭ އެ ލަވަ އަޑު އިވުނީމަ. އެ ލަވަ މަޝްހޫރުވެގެން ދިޔުމަކީ މިއަދު މިގޮތަށް ކުރިއަށް ދިޔުމަށް ލިބުނު ހިތްވަރެއް،" ސަން އަށް ދެއްވި ހާއްސަ އިންޓަވިއުގައި އާދަމް ބުންޏޭވެ.

ނޮވެމްބަރު ތިނެއްގެ ހަމަލާއަށް 29 އަހަރުވެގެން ދިޔައީއެވެ. އެހަނދާންތައް ފަނޑުނުވެ އޮތީ އާދަމްގެ ސާދާ އެހެން ނަަމަވެސް މޮޅު ލަވައިގެ ސަބަބުންނެވެ. ދިވެހިން ނަސްރުގެ ދުވަހުގެ ހަނދާންތައް އައު ކުރަނީ "ޝަހީދުންގެ ޒިކުރާ" އެ ލަވައާއެކު ކަމަށް ވުމަކީ ލަވައަށް އާދަމް ހަދައިދިން މޮޅު ޅެމުގެ ސަބަބުން އެކަންޏެއް ނޫނެވެ. މުހުތާރު އާދަމްގެ ވަރުގަދަ އަދި ހިތްގައިމު އަޑުން އެލަވަ ހުށަހަޅައިދީ ލަވައިގެ މިއުޒިކަށް އަހްމަދު ނިފާރު (ތިއްތި) ކޮށްދީފައިވާ ހާއްސަ މަސައްކަތަކީ ވެސް އެ ލަވަ އެހާ ބޮޑަށް މަޝްހޫރު ވެގެން ދިޔަ އެއް ސަބަބެވެ.

"ޝަހީދުންގެ ޒިކުރާ" ޅެމުގެ ފުރަތަމަ ދެލި ކޮޕީ މިއަދު އާދަމް އަތަކު ނެތެވެ. ތާރީހަށްޓަކައި އޭނާ އެ ޅެން ލިޔުނު ކަރުދާސް ފޮރުވި ނަމަވެސް މިއަދު އެ ކަރުދާސް ފެންނާކަށް ނެތެވެ. ނަމަވެސް އެ ލަވަ އަބަދުވެސް އާދަމްގެ ހިތުގައި ވަނީ ބިންވަޅުނެގިފައެވެ. ޅެން ވެރިކަމުގެ ގުލްޒާރުގައި އާދަމްގެ އުފެއްދުންތައް ފަރިވެ ފޮޅިފައިވަނީ ގައުމީ ހިދުމަތެއްގެ ގޮތުގައި އޭނާ ކޮށްދިން މިފަދަ މަސައްކަތްތަކުގެ ސަބަބުންނެވެ.

އާދަމްގެ ގައުމީ މި ހިދުމަތައް އަޅުގަނޑުމެންގެ ދޫ ތަކުން ޝުކުރުވެރިވުން ހައްގެވެ. އެނާގެ އެ ހިދުމަތުގެ ތަރާނާ ގައުމަށް މިނިވަން ހިޔާ ދޭހާ ހިނދަކު ފަނޑުވެގެން ނުދާނެއެވެ. ގައުމީ ބަތަލުންގެ ޝާނާ ޝައުކަތު ހަނދާންކޮށްދިން އާދަމްގެ ހިނގާ ގަަލަމަށް ހަމަ ސާބަހެވެ.