03 Nov 2017, 18:09
ހެޔޮ ގޮތާއި ނުބައި ގޮތް ބުނެދީ އެކަން އޮޅުން ފިލުވައި ދިނުމަށް ތިބި ޓީޗަރުންނަށް ދަރިވަރުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި ސަން ފައުންޑޭޝަންގެ ބާނީ އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދ. ބަނޑިދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، އިންސާނުންނަށް މާތްﷲ ކަންކަމުުގައި އިހްތިޔާރު ދެއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އިހްތިޔާރު ކުރަން ޖެހޭނީ ހެޔޮ ގޮތް ކަމަށާއި، އެކަންކަން ކިޔައިދޭން ތިބީ މައިންބަފައިންނާއި ޓީޗަރުން ކަމަށެވެ.

ރޭގެ ޖަލްސާގައި ބަނޑިދޫ ސްކޫލުގެ ޓީޗަރަކަށް އަގުވަޒަން ކުރުމުގެ ޝީލްޑެއް ހަވާލު ކުރައްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
"ހެޔޮ ގޮތާއި ނުބައި ގޮތް އަޅުގަނޑުމެންނަށް ދަސްކޮށްދޭން މިތިބީ، އަޅުގަނޑުމެންގެ މަައިންބަފައިން. އަޅުގަނޑުމެންގެ ޓީޗަރުން. އެމީހުންނަށް ކިޔަވާކުދިން އިހްތިރާމު ކުރަންޖެހޭ،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމްގެ ވާހަކަފުޅުގައި، ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންނަކީ، ތައުލީމީ އެކަމަށް އެކަށޭނަ ބަޔަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ. ސިޔާމް ވިދާޅުވީ، ބަނޑިދޫ ސްކޫލުގެ ޓީޗަރުންނަކީ ތައުލީމީ ގޮތުން ފެންވަރު ހުރި، ކިޔަވައިދިނުމުގައި ފުންނާބު އުސް ފަރާތްތަކެއް ކަމަށެވެ.
ސިޔާމްގެ ވާހަކަފުޅުގައި ފޮތުން ކިޔެވުމަކީ ތައުލީމު އުނގެނުމުގެ އެއްބައި ކަމަށާއި، އަނެއް ބަޔަކީ އަހްލާގު ކަމަށް ވިދާޅުވެ، ރަނގަޅު އަހުލާގެއްގެ ކުދިންތަކަކަށް ވުމަށް މަސައްކަތް ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވި އެވެ.
"ކިތަންމެ ރަނގަޅަކަށް ކިޔަވާ ކުއްޖާވެސް އެ ކުއްޖާގެ އަހުލާގެއް ނެތްނަމަ އެ ކުއްޖާ އަށް ފައިދާއެއް ނުކުރާނެ،" ސިޔާމް ވިދާޅުވި އެވެ.
ހުރިހާ ކިޔަވާ ކުދިންވެސް ކިޔެވުމުގައި ކާމިޔާބު ހޯދުމަށްޓަކައި ފަތިސް ނަމާދުން ދުވަސް ފެށުމަށް ސިޔާމް ނަސޭހަތްތެރިވި އެވެ. އަދި އެކަމަށް ހުރިހާ މައިންބަފައިންވެސް ބާރު އެޅުމަށް އެދިލެއްވި އެވެ.

ރޭ ބަނޑިދޫ ސްކޫލުގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ސިޔާމް، މޮޅު ދަރިވަރުގެ މަގާމު ހޯދި ނަޔާޒްއާ ސަލާމް ކުރައްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ސިޔާމް ވަނީ، އެ ސްކޫލުގެ މޮޅު ދަރިވަރަކަށް ހޮވުނު މުހައްމަދު ނަޔާޒް ކިޔެވުމުގައި ދެއްކި ނަމޫނާއިން މިސާލު ނަގައިގެން އެހެން ދަރިވަރުންވެސް ކިޔެވުމުގައި ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފަ އެވެ.
ސިޔާމް ވިދާޅުވީ، ބަނޑިދޫ ސްކޫލުގެ މޮޅު ދަރިވަރަކަށް ހޮވުނު ދަރިވަރު ކަމުގައިވާ ނަޔާޒް އަކީ ކިޔެވުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުރި ކުއްޖެއް ކަމަށް ދެކިލައްވާ ކަމަށާއި، އެހެން ކަމުން އެ ދަރިވަރަށް އިތުރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށެވެ.
"އެކުއްޖާގެ މައިންބަފައިންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި، މުހައްމަދު ނަޔާޒް ބޭނުންވާ ކޮންމެ މާއްދާއަކުން ކިޔެވުމުގެ ފުރުސަތު ދުނިޔޭގެ ކޮންމެ ތަނަކުން، މުހައްމަދު ނަޔާޒް ބޭނުންވާ ކޮންމެ ތަނަކުން ސަން ފައުންޑޭޝަންގެ ފަރާތުން، އަޅުގަނޑުގެ ފަރާތުން ދޭނެ ވާހަކަ ދަންނަވާލަން،" ސިޔާމް ވިދާޅުވި އެވެ.