21 May 2010, 14:59
19:00
މެލޭޝިޔާގައި ބޭއްވުނު ހަ ވަނަ ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް، މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި، މި ފޯރަމްގައި ތަޤުރީރު ކުރެއްވި. މީގެ އިތުރުން، މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިޔާއަށް ވަޑައިގެންނެވި އިސްލާމީ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި އެޤައުމުތަކާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، މެލޭޝިޔާގެ ބޮޑުވަޒީރާއި، ބުރުނާއީގެ ރަސްގެފާނާއި، ކޮސޯވޯގެ ރައީސް ހިމެނިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މެލޭޝިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތު ތަކާބެހޭ މަޢުލޫމާތު އެބޭފުޅުންނަށް ދެއްވި އެވެ. އަދި، މެލޭޝިޔާގައި ކިޔަވަންތިބި ބައެއް ދިވެހި ކުދިންނާ ބައްދަލުކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތް ކުރައްވައި އެތާނގެ މުވައްޒަފުންނާވެސް ބައްދަލުކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.