02 Nov 2017, 18:53
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް އިސްމާއީލް އަހުމަދު ޓްރައިބިއުނަލްގެ މެމްބަރުކަމުން އިސްތިއުފާދެއްވައިފި އެވެ.
މީގެ ދެ އަހަރު ކުރިން އެ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި އިސްމާއިލް "ސަން"އަށް މިރޭ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ އިއްޔެ ކަމަށެވެ. އަދި އޭނާގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުކުރައްވާފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް އިސްމާއިލް އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭނާއަށް އެ ޓްރައިބިއުނަލްގެ މެމްބަރުކަން ދީފައި ވަނީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އައްޔަން ކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައެވެ.