03 Nov 2017, 07:33
ދުނިޔޭގެ ކަނޑުތައް ތަޣައްޔަރުވުމާ ބެހޭ ގޮތުން ދެހާސްފަނަރަ ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު ދުނިޔޭގެ ކަނޑުތަކަށް އަޅާ ޕްލާސްޓިކް ކުނީގެ މިންވަރު 12.7 މިލިއަން ޓަނަށް އަރަ އެވެ. އަދި އެކުނީގެ މިންވަރު މަދު ފޮޓޯތަކަކުން ދޭހަކޮށްދޭން ބޭނުން ނަމަ ބޭނުން ކުރެވިދާނެ ފޮޓޯތަކެއް އަންޑަވޯޓާ ފޮޓޯގްރާފަރެއް ކަމަށްވާ ކެރޮލައިން ޕަވާ ވަނީ ދާދި ފަހުން ނަގާފަ އެވެ.
ކެރިބިއަން ކަނޑުގައި އޮންނަ ރަށެއް ކަމަށްވާ ރޮއާޓަން ކައިރިން ނަގާފައިވާ އެފޮޓޯތަކުން ފެނިގެންދަނީ ގަދަ ނޫ ކުލައިގެ ކަނޑުގެ ބަދަލުގައި ޕްލާސްޓިކް އުލާއި ސަމުސަލާމައި، ފުޅި ފަދަ އިތުރު ކުނިން ހެދިފައިވާ ކަނޑުގެ ފަށަލައެކެވެ. ޕަވާ ބުނި ގޮތުގައި އެކުނީގެ ފަށަލަ ފެންނަން ފެށީ ރޮއާޓަންއާ ގާތްގަނޑަކަށް 15 މޭލު ދުރުންނެވެ. އަދި އެކުނީގެ ފަށަލަ ގާތްގަނޑަކަށް ފަސް މޭލަށް އޮތް ކަމަށް އޭނާ ލަފާ ކުރެ އެވެ.

ޕަވާ ބުނި ގޮތުގައި ޕްލާސްޓިކް ކުނީގެ ފަށަލަ ގާތްގަނޑަކަށް ފަސް މޭލަށް އޮތް -- ފޮޓޯ: ކެރޮލައިން ޕަވާ
"ކޮންމެ ކޮޅަކަށް ބެލިޔަސް ފެނުނީ އެކި ސައިޒުތަކުގެ ޕްލާސްޓިކް ކޮތަޅު: ޗިޕްސް ކޮތަޅު، ޒިޕްލޮކް ކޮތަޅު، ކުނި އަޅާ ކޮތަޅު އަދި އެނޫންވެސް ބާވަތްތަކުގެ ކޮތަޅު. ބައެއް ކޮތަޅުތައް އެއްކޮށް ނުވަތަ އޭގެ ބައިތައް ވެސް ހުރި. [އޭގެ ސަބަބުން] ކަންބޮޑުވާން ޖެހޭ ކަމަކީ އެއީ ކާނާ ކަމަށް ހީކޮށް ވެލާ، މަސް، ބޮޑުމަސް އަދި ދޫނި ފަދަ ޖަނަވާރު އެޕްލާސްޓިކް އެތިކޮޅުތައް ކައިފާނެތީ،" ޕަވާ ބުންޏެވެ.
ދުނިޔޭގެ ކަނޑުތައް ރައްކާތެރި ކުރުމަށް ގޮވާލާ ޖަމިއްޔާއެއް ކަމަށްވާ ބްލޫ ޕްލެނެޓް ސޮސައިޓީން ލަފާ ކުރާ ގޮތުގައި އެކުންޏަކީ ގުއަޓެމާލާގެ މޮޓެގުއާ ކޯރުން އަންނަ ކުންޏެވެ. އަދި އެއީ އެ ސަރަހައްދުން ވިއްސާރަ މޫސުމުގައި މީގެ ކުރިން ފާހަގަވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އެ މައްސަލަ އެހާވަރަށް ގޯސްވިކަން އެނގުނީ ޕަވާގެ ފޮޓޯތަކުން ކަމަށް ބްލޫ ޕްލެނެޓުން ބުންޏެވެ.

ރޮއާޓަން ކައިރިން ފެނުނު ޕްލާސްޓިކު ކުނީގެ ފަށަލަ ކަނޑު އަޑިން -- ފޮޓޯ: ކެރޮލައިން ޕަވާ
ދިގު މުއްދަތަކަށް ހަލާކުނުވެ ހުންނަ ގޮތަށް ހަދާފައިވާ ޕްލާސްޓިކް ތަކެތި ކަނޑަށް އެޅުމުން އެފަދަ ކުނި ސާފު ކުރުމަކީ އުނދަގޫ އަދި ހަރަދު ބޮޑު ކަމެއް ކަން ޕަވާ ފާހަގަ ކުރި އެވެ. އެހެންކަމުން ދުނިޔޭގެ ކަނޑުތައް ސާފު ކުރުމަށްޓަކައި އަޅަންވީ އެންމެ މުހިއްމު ފިޔަވަޅަކީ ކަނޑަށް ކުނި އެޅުން އެއްކޮށް ހުއްޓާލުން ކަމަށް ޕަވާ ބުންޏެވެ.
އަދި އެ އަމާޒަށް ވާސިލުވުމަށް ވޭސްޓް މެނޭޖްމެންޓް ރަނގަޅު ކުރުމާއި، ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދުނިޔޭގެ ފެންވަރުގައި ރިސައިކަލް ކުރުން މުހިއްމު ކަމަށް ޕަވާ ބުންޏެވެ. މީގެ އިތުރުން އޭނާ ވަނީ ރޮއާޓަން ކައިރިން ފެނުނު މަންޒަރުތަކުގެ ސަބަބުން އޭނާ ވަނީ އޭނާގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް މަދު ކުރަން މަސައްކަތް ފަށާފައި ކަމަށާއި، އެހެން މީހުން ވެސް އެފަދައިން އަމަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ. (ޓެލެގްރާފް)