ޕިކް މޯލްޑިވްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަން މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއޯއޯ މިންހާ ފާއިޒެވެ. ޕިކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ފައުންޑާ ރިއާޔަތު އަބްދުލް މަޖީދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޕިކް މޯލްޑިވްސްގެ ފައުންޑާ ރިއާޔަތު ވިދާޅުވީ ޕިކް މޯލްޑިވްސްގެ މީޑިއާ ޕާޓްނަރަކަށް ސަން ހަމަޖެއްސީ ސަން އަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ކިޔާ އޮންލައިން ނޫސް ކަމަށްވާތީ ކަމަށެވެ. ސަންގެ އިނގިރޭސި އަދި ދިވެހި އެޑިޝަން ކިޔާ މީހުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ އަދަދަކަށް ތިބުމާއެކު ޕިކް މޯލްޑިވްސްގެ ހަރަކާތްތަކުގެ ހަބަރުތައް އެންމެ ތާޒާކަމާއެކު ގެނެސްދެވޭނީ ސަންއަށް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ރިއާޔަތު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިނިޝިއޭޓިވްއަކީ ޓުއަރިޒަމް އާ ރިލޭޓެޑް އިނިޝިއޭޓިވްއަކަށް ވުމާއެކު ވަރަށް ބޮޑަށް އެބަ ބޭނުންވޭ ރާއްޖެއިން ބޭރަށް ވެސް ހަބަރުތައް ލިބޭގޮތްވުން. އެހެންވީމަ އެ ގެރެންޓީ އަޅުގަނޑުމެންނަށް ސަން މީިޑިއާ ގުރޫޕާމެދު އެބަ އޮތް." ރިއާޔަތު ވިދާޅުވިއެވެ.

ސަން މީޑިއާ ގްރޫޕުގެ ސީއޯއޯ މިންހާ ފާއިޒް ވިދާޅުވީ ސަން މީޑިއާ އިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގައި އަލަށް ތައާރަފްކުރާ ކަންތަކާ ސަޕޯޓް ބޭނުންވާ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. ސަން އޮންލައިނަކީ ރާއްޖޭގެ އެއްވަނަ ނޫސްކަން ފާހަގަ ކުރައްވާ މިންހާ ވިދާޅުވީ ސަން މިޑިއާ ގުރޫޕްގެ ފަރާތުން ޕިކް މޯލްޑިވްސްއަށް ދެވެން ހުރި އެއްބާރުލުމަކާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް "ޕިކް މޯލްޑިވްސް ޕިކްޗާ ސްޓޯރީ ބުކް"ގެ ނަމުގައި ފޮތެއް ނެރުމަށް ޕިކް މޯލްޑިވްސް އިން ވަނީ ނިންމައިފައެވެ. މި ފޮތް ނެރޭނީ އަންނަ މާޗްމަހު ބާއްވާ ބާލިން ފެއާގައެވެ.

ޕިކް މޯލްޑިވްސްގެ ޕިކްޗާ ސްޓޯރީ ބުކްއަކީ ރާއްޖޭގެ ގުދުރަތީ ހިތްގައިމު މަންޒަރުތަކާ، ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިން ރާއްޖެއާ މެދު ދެކޭ ގޮތް ހާމަކޮށް ލިޔެފައި ހުންނަ ރިވިއުތައް ހިމަނައިގެން ނެރުމަށް ހަމަޖެހިފައިވާ ފޮތެކެވެ.

"މި ފޮޓޯ ބުކްގައި ހިމެނޭނީ އަޅުގަނޑުމެންގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވާ ރިސޯޓުތަކުގެ ފޮޓޯއާ އެ ތަންތަނާ ގުޅޭގޮތުން ޓުއަރިސްޓުންގެ ފީޑްބެކް. މި ފީޑްބެކް ހަތަރު ބަހުން ޕަބްލިޝް ކުރާނަން،" މީގެ ކުރިން ސަންއަށް މައުލޫމާތު ދެއްވަމުން ރިއާޔަތު ވިދާޅުވިއެވެ.

އެ ފޮތް ދުނިޔޭގެ މަޝްހޫރު ބްލޮގަރުންނާ ނުފޫޒުގަދަ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ޕިކް މޯލްޑިވްސް އިން ވަނީ ޑީއެޗްއެލް އާއެކު މިދިޔަ މަހުގެ 20 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ފޮތް ޕްރިންޓް ކުރަން ހަވާލުކުރީ އެމްސެވަން އާއެވެ.