02 Nov 2017, 17:26
ރެއާލް މެޑްރިޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ބްރެޒިލް ތަރި ނޭމާ ބަދަލުވުމާއި ބާސެލޯނާގައި އިތުރު ހަތަރު އަހަރު ދުވަހު މަޑުކުރުމަށް ދާދި ފަހުން އާޖެންޓީނާ ތަރި ލިއޮނެލް މެސީ އެއްބަސްވުމާ އެކު ރޮނާލްޑޯ ވެސް ކޮންޓްރެކްޓް އާކުރަން ބޭނުންވާ ކަމުގެ ހަބަރުތަކެއް ވަނީ ފެތުރިފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅެ، 3-1 ލަނޑުގެ ނަތީޖާ އަކުން ބަލިވި މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިން ރޮނާލްޑޯ ބުނީ، ރެއާލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އަދި ދުވަސް އެބައޮތް ކަމަށެވެ.
"ރެއާލްއާ އެކު އަހަރެން މިދަނީ ވަރަށް ރަނގަޅަށް. އަހަރެންގެ ކޮންޓްރެކްޓްގައި އަދި ހަތަރު އަހަރު އެބައޮތް. އަދި އަހަރެންގެ ކޮންޓްރެކްޓް ހަމަކުރަން ބޭނުމެއް ނޫން،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.
މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ދިފާއު ކުރި ނަމަވެސް، މިސީޒަނުގެ މިހާތަނަށް އެ ކްލަބަށް އެންމެ ރަނގަޅު ނަތީޖާ ތަކެއް ނެރެވިފައެއް ނުވެ އެވެ. ރޮނާލްޑޯ ވަނީ ކުރީގެ ކުޅުމަށް އެނބުރި އައުމަށް އަމިއްލަ ޓީމަށް ގޮވާލައިފަ އެވެ.
"އަހަރެމެންނަކީ އާންމުކޮށް މޮޅު ހޯދަމުންދާ ޓީމެއް. އަހަރެމެން ބަލި ވެގެންދާތީ، އެކަމާ މެދު ހިތާމަ ކުރަން. މިއީ ގޯސް ދުވަސް ތަކެއް. މިއީ އަހަރެމެން ކަންތައްތައް ދާން ބޭނުންވާ ގޮތެއް ނޫން. އެކަމަކު ފުޓްބޯޅަ ބަދަލުވާނެ. އަހަރެމެންނަށް މިކަންތައްތައް ބަދަލު ކުރެވޭނެ. ކަންކަން ރަނގަޅު ކުރުމަށް އަދިވެސް ވަރަށް ވަގުތު އެބައޮތް،" އޭނާ ބުންޏެވެ.
ހަ ލަނޑާ އެކު ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ރޮނާލްޑޯ އޮތް ނަމަވެސް، 'ގްރޫޕް އެޗް'ގައި ރެއާލް އޮތީ ޓޮޓެންހަމްގެ ފަހަތުގައެވެ. އެއް ވަނާގައި އޮތް ޓޮޓެންހަމް އާއި ދެ ވަނައިގައި އޮތް ރެއާލްއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.