ކަޅުބިލަމަހުގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށާއި، މަސްވެރިކަމުގެ މަސައްކަތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭނުންވާ އިކްއިޕްމަންޓް ގަތުމަށްޓަކައި، ދިވެހި ސަރުކާރާއި އެސްޓީއޯ އާއި ދެމެދު 46.3 މިލިއަން ރުފިޔާގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. އަދި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެސްޓީއޯ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަށް ކުރިއަށް ގެންދާނީ އެސްޓީއޯގެ ސަބްސިޑަރި ކުންފުންޏެއް ކަމަށްވާ މިފްކޯ އިންނެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ފައިސާ ބޭނުންކޮށް މަސްވެރިކަމުގެ ސިނާއަތުގައި ބެނުން ކުރަމުންދާ އިންފްރާސްޓްރަކްޗާ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން މިހާރަށްވުރެ ގިނައިން މަސްވެރިންގެ އަތުން މަސްކިރުވާ ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މަހުގެ ފެންވަރު ރަނގަޅު ކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިހާރަށްވުރެ ހަރަދު ކުޑަކޮށް މިފްކޯގެ މަސައްކަތް ކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.