މެދު ރާއްޖެތެރޭގެ 12 ރަށެއްގައި އުފެދޭ ކުނި ރ. ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެންދިއުމަށް ވެމްކޯއާ ހަވާލުކޮށްފި އެވެ.

ޒޯން ދޭއްގައި ހިމެނޭ ނ، ރ، ބ، އަދި ޅ. އަތޮޅުގެ 45 ރަށެއްގެ ތެރެއިން ރ. ވަންދޫއަށް ކުނި ގެންދިއުމަށް ވެމްކޯއާ ހަވާލުކުރީ ޅ. ހިންނަވަރު، ނ. ހޮޅުދޫ، ނ. ހެނބަދޫ، ނ. ވެލިދޫ، ނ. މަގޫދޫ، ނ. މަނަދޫ، ނ. ލަންދޫ، ބ. ކެންދޫ، ބ. ކަމަދޫ، ބ. ގޮއިދޫ، ރ. މީދޫ އަދި ރ. އަލިފުށިގައި އުފެދޭ ކުންޏެވެ.

އެ ރަށްތަކުގެ ކައުންސިލާއި ވެމްކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އޭދަފުށީގައި ބޭއްވި މަހާސިންތާގަ އެވެ.

މިދިޔަ އަންގާރަ އިން ބުދަ ދުވަހުގެ ނިޔަލަށް އޭދަފުށީގައި ބޭއްވި އެ މަހާސިންތާގައި 45 ރަށަކުން 90 ކައުންސިލަރުން ބައިވެރިވި އިރު، މަހާސިންތާގައި ބައިވެރިންނަށް ކުނި މެނޭޖުމުގެ ގައުމީ ސިޔާސަތާބެހޭ މައުލޫމާތު ދީފައިވެ އެވެ.

އޭގެ އިތުރުން ކުނި މެނޭޖު ކުރުމުގެ ގާނޫނާ ބެހޭ މައުލޫމާތާއި ކުނި މެނޭޖު ކުރުމުގެ ގަވައިދާއި ސަރަހައްދީ ކުނި މެނޭޖު ކުރުމާމާ ބެހޭ މައުލޫމާތާއި ވެމްކޯ އިން ހިންގާ ކުނި މެނޭޖު ކުރުމުގެ އޮޕްރޭޝަން ޕްލޭންގެ މައުލޫމާތު ވެސް މަހާސިންތާގެ ބައިވެރިންނަށް ވަނީ ދީފައިވެ އެވެ.